އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މަހުގެ އަގު މަތިވާން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ކ.ގާފަރުގައި ބޭއްވުނު މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މަސްވެރިން ބާނާ މަހުގެ އަގު މަތިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރު ފުރަތަމަ ތިންމަސް ދުވަސްތެރޭ މަހަށް ހަމަ އަގު ލިބެން ފަށާނެ ކަމަށެވެ. އަދި ރަނގަޅެއް ހޯދުމަށް މަސްވެރިންނާ ސަރުކާރު އެކުގައި ތިބުމަށް ބޭނުންކުރި ބޭހުގެ ފޮނި ނަތީޖާ ފުރަތަމަ ފެންނަން ފަށާނީ އެ ދުވަހު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މިހާރުވެސް 12 އަތޮޅެއްގައި 18 އައިސްޕްލާންޓް ތަރައްޤީ ކުރުމުގެ މަޝްރޫއު ކުރިޔަށް ދާކަން އެމަނިކުފާނުވަނީ ފާހަގަކޮށްފައެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމުކުރަމުންދާ އައިސްޕްލާންޓްތަކުގެ މަސައްކަތް ނިމޭއިރު ދިވެހި މަސްވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި އޭރުން މަހެއްގެ މައްޗަށް 15 ހާސް ޓަނަށް ވުރެ ގިނައިން އައިސް އުފެދޭނެ ޤާބިލްކަން ލިބިގެންދާނެ ކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކޮށްލިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވި ގޮތުގައި ދިވެހިން ބާނާ ރޯމަސް އެކްސްޕޯޓް ކުރުމުގެ ސަބަބުން ދިވެހި މަސްވެރިކަމުގެ މަންފާ އެހެން ބަޔަކު ހޯދަމުންދާ ކަމަށާއި ދިވެހިން ބާނާ މަސް ޕްރޮސެސް ނުކޮށް ރޯމަހުގެ ގޮތުގައި އެކްޕޯސްޓް ކުރުމަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރަން އޮތް ހުރަހެއް ކަމުގައެވެ.
ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށް މަހުގެ އުފެއްދުންތައް ގިނަކޮށް ފައިދާކުރުވަނިވި އުފެންދުންތަކެއްގެ ގޮތުގައި ހެދުމަށް ފެލިވަރުގެ ޕްރޮސެސިންގ ކެޕޭސިޓީ ދެގުނަ އިތުރުކޮށް މުޅީން އަލަށް ދުވާލަކަށް އިތުރު 100 ޓަނުގެ މަސް ޕްރޮސެސް ކުރުމުގެ ގާބިލުކަން ފެލިވަރުގައި ތަރައްޤީ ކުރެވުނު 50 ޓަނުގެ އައިސް ޕްލާންޓަށް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ފެލިވަރާއި ކޫއްޑޫގެ އިތުރުން ކަނޑުއޮތްގިރި އާއި ތިނަދޫ އަދި މުލަކުގައި ގާއިމުކުރެވޭ ކޯލްޑްސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތާއެކު ޖުމްލަ ކެޕޭސިޓީ 9 ހާސް ޓަނަށްވުރެ އިތުރުވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން މި ޕްރޮޖެކްޓުތައް ނިމުމުން މަސްވެރިންގެ އަތުން މަސް ގަނެވޭ މިންވަރު ދުވާލެއްގެ މައްޗަށް 61 އިންސައްތަ އިތުރު ކުރުމުގެ ގާބިލުކަން މިފްކޯގައި ހުންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.