ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ދެކުނަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރު 04:00 އާ ހަމައަށެވެ. މިގަޑިތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ދެކުނުގެ އިތުރުން ރާއްޖޭގެ ބޮޑުބަޔަކަށް ދަނީ ވިއްސާރަކުރަމުންނެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ރަށްތަކުގައި ފެންބޮޑުވެ ދަނޑުތަކަށް ވަނީ ގެއްލުންވަމުންނެވެ.
ރޭ ފަތިހު މާލެ ސަރަހައްދަށް ވެސް ވަރަށް ބޯކޮށް ވާރޭ ވެހި، ބައެއް މަގުތަކުގައި ވަނީ ފެން ބޮޑުވެފައިވެއެވެ.
މިދުވަސްވަރު ރާއްޖޭގެ އެކިކަންކޮޅުތަކަށް ވިއްސާރަކުރަމުންދާތީ ކަނޑުދަތުރުފަތުރު ކުރާ މީހުން މޫސުމަށް ބަލައި ސަމާލުވުމަށް އެމް.އެން.ޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑުމަތީގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރަންޖެހޭ ގޮތްތައް ކިޔައިދީ އެމް.އެން.ޑީ.އެފުންދަނީ ރައްޔިތުންނާއި މަސްވެރިން ހޭލުންތެރި ކުރުވަމުންނެވެ.
ދަތުރުކުރުމުގައި ކަނޑުމަތީ ހާދިސާއެއް ދިމާވެއްޖެ ނަމަ ވީހާވެސް އަވަހަކަށް އެމް.އެން.ޑީ.އެފަށް އެންގުމަށް ވަނީ އިލްތިމާސްކޮށްފައެވެ.