ވާހަކަ
ހިތި ތަޖުރިބާ – 01

އެޑިޓަރުގެ ނޯޓް: މި ވާހަކަ އަކީ ހުވަދޫ ނިއުސްގެ ވާހަކަ ސެގްމެންޓަށް ކިޔުންތެރިޔަކު ހަދިޔާ ކޮށްފައިވާ ވާހަކައެކެވެ. މިވާހަކަ އަކީ ދިވެހި ބަހުގެ އެކަޑަމީގެ އައްޝެއިޚް މަލިންމޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތައްޓަށް ބޭއްވާ ކުރުވާހަކަ ލިޔުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ، މަތީ ތަޢުލީމުގެ ބައިން ތިންވަނަ ހާސިލް ކޮށްފައިވާ ވާހަކައެވެ.

އޮންނަން ކިތައްރޭ ނުނިދިފާ ވިސްނާ ފިކުރު ކުރުމުގަ އުޅެން
ދިރިއުޅުމުގާ ޖެހިފާ މިވާ ހާލާ މެދަށް ވިސްނާ އުޅެން
އަދު ހޯދަނީ ލޯތްބާ އުފާ ހިތް އެދި ރޮނީ ފިރުމުންތަކަށް
ބޭބޭގެ އަތުގެ ހިމާޔަތުން ރައްކާތެރިވެ އެދެމޭ އުޅެން
ކަރުނައިން ދެލޯ ފުރިފާވެޔޭ ޝަކުވާތަކުން އަދު ހިތް ފުރޭ
އެދެނީ ނިމުން އައުމުގެ ކުރިން އުފަލާ މަޖަލުގާ އެކު އުޅެން

ޅެންބައިތު ލިޔެ ނިންމާލުމަށްފަހު ޝައިލާ ފުން ނޭވާއެއް ފަޒާގެތެރެއަށް ދޫކޮށްލިއެވެ. އިރުއިރުކޮޅާ ނޯށް ދަމާލާ ގޮތުން ޝައިލާ ރޮނީކަން ބަލާލި ކޮންމެ މީހަކަށް އެނގޭނެއެވެ. ހިތިފަތެއް ފަދަ ބުމަޔާއި، ހެޔޮވަރެއްގެ ހަށިގަނޑެއް ލިބިފައިވާ ޝައިލާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ބޮޑު ދެކޯތާފަތުންނެވެ. ފިރިހެނުންގެ ހިތްކަތިލާފަދަ ރީތި ބައްޓަމެއް ލިބިފައި ނެތަސް ޝައިލާއަކީ ހުތުރު ކުއްޖެކޭ ނުބުނެވޭނެއެވެ. އުމުރުން 21 އަހަރުވެފައިވާއިރު އުމުރަށްވުރެ ތަންކޮޅެއް ބޮޑުކަމަށް ދައްކަނީ ހަށިގަނޑުގެ ބައްޓަމެވެ. އެކަނި މާއެކަނި ކޮޓަރިތެރޭގައި އޮވެ ދިރިއުޅުމުގައި ދިމާވެފައިވާ ހާދިޘާތަކާއި ދޭތެރޭގައި ޝައިލާ ވިސްނައެވެ. ދިރިއުޅުމުގައި ދިމާވާ މިފަދަ ކަންތައްތައް ހިއްސާކުރާނެ ބައިވެރިއެއް ގޭގައި ނެތުމާއެކު ޝައިލާ އޭނާގެ އިޙްސާސްތައް ބަންޑުންކޮށްލަނީ އޭނާގެ ޑައިރީގައެވެ.

އިރުގަނޑަކު އެގޮތަށް ރޯލުމަށްފަހު ޝައިލާ ޑައިރީ ލައްޕާލާ އެނދުގެ ވާތްފަރާތުގައި ބާއްވާލިއެވެ. އަދި ހަށިގަނޑު ދަމާލާ މަޑުމަޑުން އެނދުގައި ޖައްސާލިއެވެ. ޝައިލާއަކީ އެކަނިވެރިކަމަށް އަބަދުވެސް ލޯބިކުރާ ކުއްޖެކެވެ. މިހެންކަމުން ލިބޭ ހުސްވަގުތުތައް ޝައިލާ ހޭދަކުރަނީ ކޮޓަރިތެރޭގައެވެ. ކޮޓަރިއަށް ވެރިވެފައިވާ ހަމަހިމޭންކަމާއިއެކު މާޒީގެ ފުން ކަނޑުގެ ތެރޭގައި ޝައިލާ ޣަރަޤުކޮށްލާކަށް މާގިނައިރިތަކެއް ނުނެގިއެވެ.

އެއީ މީގެ ތިން އަހަރު ކުރީގެ ހަނދާންތަކެވެ. އުމުރުން އެންމެ 18 އަހަރުގައި އަހަރެންގެ އުފަން ރަށް ދޫކޮށް އަހަރެން މާލެ ބަދަލުވީ ނުހަނު ފޮނި އުންމީދުތަކަކާ އެކުގައެވެ. މާލޭގައި އަހަރެން އެއްބަނޑު އެއްބަފާ ބޭބެއާއި އޭނާގެ ދެދަރީންނާއި އެކުގައި ދިރިއުޅުން ވެގެންދިޔައީ މަންމަމެންނާއި ދުރުގައި އަހަރެން ކުރަމުން އައި އެކަނިވެރި ދަތުރުގައި ހިތަށް ހަމަޖެހުން ލިއްބައިދިން ކަމަކަށެވެ. މާލޭގެ ހަލަބޮލި ވެފައިވާ މާހައުލަށް ހޭނުމަށް ހަފްތާއެއްހާ ދުވަސް ހޭދަވިއެވެ. އެއަށްފަހު އަހަރެންގެ ހުވަފެންތަކުގައި ހަޤީޤީ ކުލަ ޖެއްސުމަށްޓަކައި އަހަރެން ހިތްވަރާއެކު މަސައްކަތް ފެށީމެވެ. ނަތީޖާއެއްގެ ގޮތުން މަންމަމެން ފަޚްރުވެރިވާ ނަތީޖާއަކާއެކު އަހަރެންނަށް ޑިޕްލޮމާ ލެވެލް ސެޓްފިކަޓެއް ހާސިލްކުރެވުނެވެ.

1 އަހަރު ދުވަހުގެ މިކޯސް ނިމުމާއިއެކުހެން އަހަރެން ރަށަށް ބަދަލުވީމެވެ. ނަމަވެސް ކުޑަ ދުވަސްކޮޅަކަށެވެ. ޑިގްރީ ކޯސް ހެދުމަށްޓަކައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް އަހަރެން ފޯމް ހުށައެޅީމެވެ. ކޯހަށް ޝަރުތު ފުރިހަމަވެފައިވުމާއެކު ކޯހަށް ހޮވުނު ކަމަށް އެންގުނެވެ. އަނެއްކާވެސް ރަށުން ޤުރުއާން ޑިގްރީ ކޯސް ކިޔެވުމުގެ ފުރުސަތު ނެތުމާއެކު މާލެއަށް ފުރަން ޖެހުނެވެ. ކުރިއާއި ޚިލާފަށް މިފަހަރު ބޭބެ ކައިރީގައި އުޅެންޖެހުނީ އުއްމީދު ކުރިވަރަށްވުރެވެސް ހިތްދަތި ދިރިއުޅުމެވެ. އާއިލާގެ މަސްލަހަތަށްޓަކައި އަހަރެން އުޅެމުން އައި ހިތްދަތި ދިރިއުޅުން ސިއްރުކުރަމުން ދިޔައީމެވެ. ވޭނާއި ކެކުޅުމުގައި ޑިގްރީގެ 1 އަހަރު ނިންމާލުމަށްފަހު ޗުއްޓީއަށް ރަށަށް ދިޔައީމެވެ. ދުވަސްތަކަކަށްފަހު މަންމަ ފެނުމުން އަހަރެންގެ ޒަޚަމްވަމުން ދިޔަ ހިތަށް ފަރުވާލިބެން ފެށިއެވެ. ނަމަވެސް އަހަރެންނާއި ބެހޭގޮތުން މަންމަ ކައިރީގައި ބޭބެ ދައްކަމުންދިޔަ ވާހަކަވީ އަހަރެން އުޅެން ޖެހިފައިވާ ހާލު މަންމަ ކުރިމަތީ ބަންޑުން ކޮށްލަން ޖެހުނު ސަބަބަކަށެވެ.

މިގޮތުން އަހަރެން ޗުއްޓީ ނިންމާލުމަށްފަހު މާލެއަށް އަބުރާ އައިސް އުޅުނު ދުވަސްވަރުގެ ތެރެއިން ދުވަހެކެވެ. އާންމު އުސޫލުގެ މަތިން އަހަރެން ކުލާހަށް ދިޔުމަށްފަހު ގެއަށް އައިސް އުޅުނު ދުވަހެކެވެ. އަހަރެން ގެއަށް އައިސް ހަމަޖެހިލިތަނާ،ފޯން ރިންގުވާން ފެށިއެވެ. ގުޅަމުންދިޔައީ މަންމައެވެ. ފޯނު ނެގުމާއެކު ބޭބެ އަހަރެން ފިރިހެނުންނާއެކު ރޫމްތަކަށް ދާ ވާހަކައާއި އަހަންނާއި ބެހޭގޮތުން ދައްކާފައިވާ ލަދުވެތި ވާހަކަތައް އަހަރެންނަށް އެނގުނެވެ. އަހަރެން މަންމަ އަށް އަހަރެން އެފަދަ އެއްވެސް ކަމެއް ނުކުރާކަމުގެ ޔަޤީންކަން ދިނީމެވެ. އަހަރެންގެ ވާހަކަތައް މަންމަ ޤަބޫލުކުރީތީ އަހަރެންނަށް ލިބުނު ހިތްހަމަޖެހުމަށްވުރެ ބޭބެ އަހަރެންނާއި ދޭތެރޭ ދެކެމުން އައި ގޮތް އަޑުއިވުމުން ރޮވެން ފެށުނެވެ. އޭގެ ފަހުން އަހަރެން އުޅެމުން އައި އުފާވެރި ދިރިއުޅުމަށް ނިމުން އައި ކަހަލަ އިޙްސާސެއް ކުރެވުނެވެ. ލިބޭ ހުސްވަގުތުތަކުގައި ވިސްނުމާއި، ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ދެވޭލެއް ކުޑަވާން ފެށިއެވެ. މީގެ އިތުރުން ފަހަރީގެ ފަރާތުން އިވެމުންދިޔަ ބަސްތައްވީ އަހަރެންގެ ހިތްދަތިކަމަށް އިތުރުވި ބޮޅަކަށެވެ. ކިތަންމެ ރަނގަޅަށް ކަންތައްތައް ކުރިޔަސް ރަނގަޅަށް ކަމެއް ކުރެވޭ ކަމަކަށް ނުވެއެވެ.

އާދައިގެ މަތިން ފަހަރީގެ ރުޅިއާއި ކުރިމަތިލާން ޖެހުނު ދުވަހެކެވެ. އަހަރެންނަކީ ކޮންމެ ދުވަހަކުވެސް ހެނދުނު 8:10 ގައި ކޮލެޖަށް ދާންޖެހޭ މީހަކީމެވެ. މިހެންކަމުން ގިނަފަހަރަށް އަހަންނަށް ކޮލެޖަށް ދެވެނީ ގޭގައި ކައްކަންޖެހޭ ކާއެއްޗެހި ނުކައްކައެވެ. އަހަރެން ނުކައްކާ ދާތީ މަންމަވެސް ޝަކުވާ ކުރަމުންދިޔައެވެ. ފަހަރީ ރުޅިގަދަވަނީ އެކަނި ކައްކަން ޖެހޭތީ ކަމަށްވެސް ވެދާނެއޭ ބުނަމުންދިޔައެވެ. ފަތިހާއި ހޭލައިގެން ކައްކާލާފައި ދިއުމަށް ނަސޭހަތްތެރިވަމުންދިޔައެވެ. އަހަރެން މަންމަގެ ނަސޭހަތް ޤަބޫލުކުރީމެވެ. ފަތިހު ފަތިހާ ހޭލައިގެން ކައްކާލީ ފަހަރީގެ ނުރުހުމުގެ ބަސްތަކަށް ނިމުން އައިސްދާނެ ކަމުގެ ފޮނި އުއްމީދާއި އެކުގައެވެ. ނަމަވެސް އެދުވަހު ފަހަރީގެ ފަރާތުން ތައުރީފްގެ ބަހެއް ނުލިބުނުތާގައި އިވުނު ބަސްތަކުން އަހަރެން މާޔޫސްވާން ފެށިއެވެ. އަހަރެން ރޮށި ފިހެފަ މިހުރީ މުޅި ދުވަހު ރޮށި ކާ ގޮތަށްހޭ ބުނެލީ ޖެއްސުމާއި މަލާމާތުގެ ރާގަށެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ކޮލެޖަށް ދިޔައީ ޒުވާބެއް ކުރަން ބޭނުން ނުވާތީއެވެ. ކޮލެޖުން އެނބުރި ގެއަށް އާދެވުނީ އިރުއޮއްސޭން އުޅެނިކޮށެވެ.

ކޮލެޖުގެ ދަރިވަރުންގެ ގުޅުމުގެ އޮފީހުގައި އަހަރެން މަޤާމެއް ފުރަމުންދިޔުމާއި، ސެމިސްޓަރ ގައި 8 މާއްދާ ކިޔަވަން ޖެހިފައިވުމުން އަހަރެންނަށް މުޅި ދުވަހުހެން އުޅެން ޖެހެނީ ކޮލެޖުގައެވެ. އަހަރެން މިގޮތަށް ބޭރުގައި އުޅޭތީވެސް އަހަރެން ނަންވެފައި އޮންނަނީ ފިރިހެން ކުދިންނާއެކު ބޭރުގައި އުޅޭ ނަނި އަންހެން ކުއްޖެއް ގޮތުގައެވެ. ކޮންމެއަކަސް އަހަރެން ގެއަށް ވަދެގެން އައިއިރު ގޭތެރެ ފެންނަނީ ވަރަށް ހަނޑިކޮށެވެ. މުޅި ކޮޓަރީގެ އެނދުމަތީގައާއި އެތަން މިތާގައި ކަރުދާހާއި ކުނިއަޅާފައިވާއިރު ބާލީސްތައް ވަނީ އެތަން މިތަނަށް އުކާލެވިފައެވެ. ޝަކުވާ ކުރުމަކާއި ނުލައި ކޮޓަރިއާއި ގޭގެ ބޭރު ސިޓިންރޫމް ސާފުކޮށްލުމަށްފަހު އަހަރެން މިސްރާބު ޖެހީ ކާއެއްޗެއް ކެއުމަށެވެ. އެވަގުތު ގޭ ސިޓިންރޫމް ސޯފާގައި ފަހަރި އިށީނދެ އިނެވެ. އަހަރެން ފުރިޖު ހުޅުވާލުމާއެކު ފުރިޖު ތެރޭގައި އޮތް ފަތް ޕެކެޓްގައި އަތްނުލާށޭ ބުނެލިއެވެ. ހުސް ބަތާއި ގަރުދިޔަ ކާން ބޭނުން ނުވާތީ އަހަރެން އެނބުރި ކޮޓަރިއަށް ވަނީމެވެ. ހެނދުނުއްސުރެ ކާއެއްޗެއް ނުކައި ހުރުމުން ގައިގައި ވަރެއް ނެތެވެ. އަމިއްލައަށް އެއްޗެއް ތައްޔާރުކޮށްލާނެހާ ހިތްވަރެއްވެސް ގައިގައި ނެތުމުން މަޑުމަޑުން ކޮޓަރީގެ އެނދުގައި ޖައްސާލީމެވެ. އޭރު ކޮންމެވެސް ވަރަކަށް ބަނޑުގައި ރިއްސަމުންދިޔައެވެ. ކުރާނީ ކީއްހެއްޔެވެ؟ މިދުނިޔޭގައި އެތައް މަސްތަކެއް ކާއެއްޗެއްގެ ރަހަ ބަލާލުމުގެ ނަސީބު ލިބިފައިނުވާ އެތައް ބަޔެއް އުޅޭނެއެވެ. ވީއިރު އަހަރެން ވަކި ޝަކުވާކުރުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ ﷲ އާއި ވަކީލެވެ. މިފަދަ ހިޔާލުތަކުގައި އޮއްވާ އަހަރެންނަށް ނިދިއްޖެއެވެ.

(ނުނިމޭ)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!