ޑރ.އިޔާޒަކީ އެމްޑީޕީއަށް ބޭނުން މީހެއް ނޫން ކަމަށާއި އޭނާއަކީ ވަރަށް ފޭކު މީހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
އިންތި ވިދާޅުވާ ގޮތުގައި ޑރ.އިޔާޒު ސަރުކާރަށް ސަނާކީ ނަމަވެސް އޭނައަކީ ވަރަށް ފޭކު މީހެއް ކަމަށާއި އެމްޑީޕީއަށް އެކަހަލަ މީހުން ބޭނުން ނުވާ ކަމަށެވެ. އަދި ސަރުކާރަށް ތާއީދުކޮށް އޭނާ ކުރާ ޓްވީޓްތަކުން ސަރުކާރުގެ މަޤްބޫލުކަންވެސް ގެއްލެމުންދާކަމަށް އިންތި ވިދާޅުވެއްޖެއެވެ.
އިދިކޮޅުން މިދިޔަ ހުކުރު ދުވަހު ބޭއްވި ބޮޑު ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި އިޔާޒް ކުރެއްވި ޓްވީޓަށް އިންތި ވަނީ ފާޑު ކިޔާފައެވެ.
އިޔާޒަކީ ފޭކު މީހެއް ކަމަށްބުނެ އިންތި ވަނީ އަލީ ހަމީދުގެ މައްސަލައިގައި އިޔާޒް ކަންތައް ކުރެއްވި ގޮތުގެ ވާހަކަ ދައްކާފައެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ ބަދު އަހްލާގީ ވީޑިޔޯތަކެއް ލީކުވެފައިވާ ދަނޑިވަޅެއްގައި އޭނާ އަށް ޖޭއެސްސީގެ ރައީސްކަން ދިނީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މަޖިލީހުން ކަމަށާއި ބޭނުމަކީ އޭނާގެ ނަގޫފިއްތާފައި ބޭނުން ގޮތަކަށް ފަނޑިޔާރުގެތަކަށް ނުފޫޒު ފޯރުވުން ކަމަށް ޑރ.އިޔާޒް ވަނީ ޓްވީޓްކޮށްފައެވެ.
އިދިކޮޅު ޕާޓީތަކާއި ދެކޮޅަށް ސަރުކާރަށް ސަނާ ކިޔަސް އޭގެ ސަބަބުން އިޔާޒަށް އޮތް ތާއީދު އިތުރު ވުމުގެ ބަދަލުގައި، ތާއީދު ގެއްލެނީ ކަމަށް އިންތި ގަބޫލު ކުރައްވައެވެ.
އެމްޑީޕީގެ ބައެއް މެމްބަރުންގެ އިތުރުން އެޕާޓީގެ ލީޑަރ ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ޑރ.އިޔާޒަށް ފާޑު ވިދާޅުވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ. މިކަމުންވެސް އެގިގެންދަނީ އެމްޑީޕީން އިޔާޒް ބޭނުން ނުވާ ކަމެވެ.