ޤަވައިދާއި ޚިލާފަށް ޕާކުކޮށްފައިވަނިކޮށް ފުލުހުން ޓޯކޮށްފައިވާ ދެކާރާއި 25 ސައިކަލެއް ނައްތާލުމުގެ ކުރިން އެވެހިކަލްތަކުގެ ވެރިންނަށް އެންމެ ފަހު ފުރުސަތު ދީފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ޤާނޫނާއި ޚިލާފަށް މަގުމަތީގައި ޕާކުކޮށްފައިވާ 25 ސައިކަލަކާއި ދެކާރު ފުލުހުންވަނީ ޓޯކޮށްފައެވެ.އެހެންކަމުން މިމަހު 08 ވަނަ ދުވަހުން ފެށިގެން ކުރިޔަށް އޮތް 60 ދުވަހުގެ ތެރޭގައި ވެރިފަރާތުން ވެހިކަލާއި ހަވާލުނުވާނަމަ އެތަކެތި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ވަނީ އިއުލާންކޮށްފައެވެ.
ކާނިވާ ސަރަހައްދުގައި ކޯނު ޖަހާފައިވާ ސަރަހައްދެއްގައި ދެކާރު ޕާކުކޮށްފައިވަނިކޮށް ފުލުހުން ވަނީ އެދެކާރު ޓޯކޮށްފައެވެ. މިވެހިކަލްތަކުގެ ރަޖިސްޓްރީ ނަންބަރާއި ވެހިކަލް ޓޯކުރި ސަރަހައްދުތައް ފުލުހުންވަނީ ހާމަކޮށްފައެވެ.
މަގުމަތީގައި ޤަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރުމަށްފަހު އެވެހިކަލްތަކާ ހަވާލުވުމަށް ވެރިފަރާތަށް މުއްދަތެއް ދެވޭނެއެވެ. މިމުއްދަތުގެ ތެރޭގައި ވެރިފަރާތުން ވެހިކަލާ ހަވާލުނުވާނަމަ 60 ދުވަސް ފަހުން އެވެހިކަލްތައް ނައްތާލެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.