ގދ.ތިނަދޫގައި ހުންނަ ޑރ.އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތުގެ 64 އިންސައްތަ މިހާރު ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.
އެމް.ޓީ.ސީ.ސީ އިން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑރ.އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 64 ޕަސެންޓް ނިމިފައިވާކަމަށާއި މިމަހު 9 ވަނަ ދުވަހުން ފެށިގެން އޯޕީޑީ އިމާރާތުގައި އެއަރ ކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ގދ. ތިނަދޫ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 64 ޕަސެންޓް ނިމިއްޖެ. އަދި އޯޕީޑީ އިމާރާތުގައި އެއަރ ކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް 09 ޑިސެމްބަރ 2021 ވަނަ ދުވަހު ވަނީ ފަށާފައި.#MTCCProjects #RayyithungeKunfuni pic.twitter.com/CpvlYd85jC
— MTCC Plc (@MTCCPlc) December 12, 2021
ހޮސްޕިޓަލް މަރާމާތް ކުރުމުގެ މަޝްރޫއުގެ ދަށުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަރޖެންސީ ރޫމް މަރާމާތު ކުރެވިގެންދާނެއެވެ.
މިއީ33.5 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
ރާއްޖޭގެ 5 ސަރަޙައްދުގައި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމި ހޮސްޕިޓަލްތަކުގެތެރޭގައިވެސް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ހިމެނެއެވެ. މިއަހަރުގެ ބަޖެޓުގައި މި މަސައްކަތް ކުރިއަށްގެންދިއުމަށް 90 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ހޮސްޕިޓަލްގެ މަރާމާތްކުރުމުގެ ޕްރޮޖެކްޓް އެމް.ޓީ.ސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 30ވަނަ ދުވަހުއެވެ.