ހުވަދު އަތޮޅު ދެކުނު ބުރީ ތިނަދޫ ކައުންސިލް އިދާރާގެ އާންމު ބައްދަލުވުމެއް މިރޭ ކުލަބް ހައުސް މެދުވެރިކޮށް ބޭއްވުމަށް އެކައުންސިލުން އަންނަނީ ތައްޔާރުވަމުންނެވެ. މިބައްދަލުވުމަކީ ތިނަދޫ ކައުންސިލުން އެކުލަވާލަމުންދާ، ތިނަދޫގެ ތަރައްޤީގެ ޕްލޭނަށް، ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ދެނެގަނެ، ރައްޔިތުންގެ ޚިޔާލާއި ފިކުރު، ތަރައްޤީގެ ޕްލޭނުގައި ހިމެނުމަށް ތިނަދޫ ކައުންސިލް އިދާރާއިން އިންތިޒާމްކޮށް، ރައްޔިތުންނާައި ބައްދަލު ކުރުމަށް ބޭއްވޭ ބައްދަލުވުމެކެވެ.
މިރޭ (15 ޖުލައި 2021) 21:00 މި ކުލަބް ހައުސްގައި މިބައްދަލުވުން ފެށިގެންދާއިރު، ތިނަދޫ އަށް ނިސްބަތްވާ ކޮންމެ ރައްޔިތަކަށް ކްލަބް ހައުސް މެދުވެރިކޮށް މިބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ. މި ބައްދަލަވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވޭނީ ރަށުގެ އަސާސީ ހިދުމަތްތަކާއި ރަށްވެހި ޚިދުމަތް ފޯރުކޮށްދިނުމާއި ބެހޭ ގޮތުންނެވެ.
މިގޮތުން ރައްޔިތުންނަށް ސާފު ބޯފެނާއި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް އެޖެންޑާކުރެވިފައި ވެއެވެ. ތިނަދޫގެ މަގުތައް ހެދުމާއި، މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން އެކަށީގެން ވާ ގޮތެއްގައި ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމު ކުރުމާއެކު ނަރުދަމާގެ އަސާސީ ފަސޭހަތައް ފޯރުކޮށްދިނުމާއި ބޭހޭގޮތުންވެސް މަޝްވަރާކުރުމަށް މިބައްދަލުވުމުގައި ތާވަލް ކުރެވިފައި ވެއެވެ.
ކްލަބް ހައުސް އަކީ، މިފަހަކަސް އައިސް ދިވެހިރާއްޖޭގައި ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ސޯޝަލް މީޑިޔާ އެޕްލިކޭޝަނެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ތަފާތު ބައްދަލުވުންތަށް ބާއްވައި، ތަފާތު މައުޟޫތަކަށް ޚިޔާލާއި ޝުޢޫރު ފާޅުކުރުމަށް ފުޅާދާއިރާއެއްގައި ކްލަބްހައުސް ބޭނުންކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ. ތިނަދޫގެ ރައްޔިތުންގެ މަޖްލިސްގެ ޢިއްޒަތްތެރި ދެ މެމްބަރުން ތިނަދޫ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވުމު ޚާއްސަ ބައްދަލުވުމެއް މިހަފްތާ ތެރޭގައި ބޭއްވިފައިވެއެވެ. މިބައްދަލުވުމަކީވެސް ވަރަށް ކާމިޔާބު، ތަފާތު މަޢުލޫމާތު ބަދަލުކުރެވުނު، އަދި ތިނަދޫ ގިނަ އަދަދެއްގެ ޒުވާނުންނާއި، ރައްޔިތުން ބައިވެރިވި ބައްދަލުވުމެއްގެ ގޮތުގައި ފާހަގަކުރެވިގެން ދިޔައެވެ.