ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ރާއްޖޭގެ ހާލަތު ދުވަހެއް ދުވަހެއް ގޯސްވެ މިބަލީގައި މަރުވާ މީހުންގެ އަދަދުވެސް މިދަނީ މައްޗަށެވެ. މިއަދު އެކަނިވެސް 9 ރަށެއް މިވަނީ ބަންދުކޮށްފައެވެ.
މާލެއާ އަޅާބަލާއިރު އަތޮޅުތެރޭ ރަށްރަށުގައި މިބަލި ފެތުރޭ މިންވަރު މިވަނީ ގިނަވެފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު އިއްޔެ އެކަނިވެސް އަތޮޅުތެރޭ ރަށްތަކުން 118 މީހަކު މިވަނީ މިބައްޔަށް ފައްސިވެފައެވެ.
ގދ.ތިނަދޫގެ މުޖުތަމައުތެރެއިން މިބަލި ފެނފައިވާއިރު ހުވަދުއަތޮޅުގެ ބައެއް ރަށްތަކުގައި ދަނީ ކޮވިޑްގެ ކޭސްތައް އިތުރުވަމުންނެވެ. އެގޮތުން މިއަދު ގދ.ރަތަފަންދޫއަށް އަރާ ފޭބުން މަނާކޮށް ރަށް މިވަނީ މޮނީޓަރިންއަށް ލާފައެވެ.
އެޗްޕީއޭ އިން ހާމަކުރިގޮތުގައި މިއަދު މޮނިޓަރިން ހާލަތަށް ގެނައި ރަށްތަކަކީ:
- ގދ. ރަތަފަންދޫ
- ބ. އޭދަފުށި
- ހދ. ހަނިމާދޫ
- ބ. ދޮންފަނު
- ނ.ލަންދޫ
- ނ. މިލަދޫ
- ޅ. ހިންނަވަރު
- ތ. ވިލުފުށި
- ތ. ހިރިލަންދޫ
މި ނުވަ ރަށާއެކު، މިވަގުތު މޮނިޓަރިން ހާލަތުގައި ޖުމްލަ 21 ރަށެއް އެބައޮތެވެ.
ދެކުނުގެ އަތޮޅުތަކަށް ބަލާލާއިރު އައްޑޫ ސިޓީގައި މިބަލި ފެތުރޭ މިންވަރު އިތުރުވެފައި މަރުވާ މީހުންގެ އަދަދުވެސް ދަނީ މައްޗަށެވެ. އެހެންކަމުން ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫފޭދޫ، ސ. ފޭދޫ، ސ. ހުޅުމީދޫ މޮނިޓަރިން ހާލަތުގައި އޮންނަތާ ހަތަރު މަހެއްހާ ދުވަސް ވަނީ ވެފައެވެ.
މީގެ އިތުރުން މި މަހުގެ ތެރޭގައި ދ. ކުޑަހުވަދޫ އާއި އދ. މާމިގިލި، ނ. މާފަރު، އދ. މަހިބަދޫ، ނ. ވެލިދޫ، ނ. މިލަދޫ، މ. މުލަކު ވެސް ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.