މިއަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގދ.ފިޔޯރީގައި ދިގުމުއްދަތަކަށް މަސްވެރިކަމުގައި އުޅުނު ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހާއްސަ އިނާމެއް ދެއްވައިފިއެވެ.
ފިޔޯރީ ކައުންސިލުން އިސްނަގައިގެން އިއްޔެ ކުރިޔަށް ގެންދިޔަ މިހަރަކާތް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގައި އެރަށުގެ ކްލަބް ޖަމިއްޔާތަކުން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް ކައުންސިލުން ވަނީ އެޖަމިއްޔާތަކަށް ޝުކުރު އަދާކޮށްފައެވެ.
މިހަރަކާތުގައި ޖުމްލަ 54 ފަރާތަކުން ބައިވެރިވެފައިވާއިރު ފިޔޯރީގައި މަސްވެރިކަން ކުރާ އާއިލާތަކުން ވަނީ ބައިވެރިވެފައެވެ.
އޮޑިދޯނިފަހަރާއި ބައްތެލީގައި މަސްވެރިކަން ކުރި 12 ފަރާތަކަށް ހާއްސަ އިނާމް ހަވާލުކޮށްދެއްވީ މިހަރަކާތުގެ ޝަރަފުވެރި މެހެމާނު ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދުއެވެ. އަދި މަސްވެރިކަމުގައި ފާހަގަކުރެވޭ އެހެން ފަރާތްތަކަށް ހަދާނީ ލިޔުން ހަވާލުކޮށްދެއްވީ ފިޔޯރީ ކައުންސިލްގެ ނައިބު ރައީސް އައިމިނަތު އައިވީނާއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައިޒަރު ވިދާޅުވީ ފިޔޯރީއަކީ މިހާރު ދަނޑުވެރިކަމުގެ ރަށަކަށް ވީނަމަވެސް އަންނަ އަހަރުން ފެށިގެން މަސްވެރިކަން ކުރިއެރުވުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.