މި ސަރުކާރު އައިފަހުން ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަމެއް ދީފައިވާ ކަމަށާއި, އެ ގޮތުން އެ މަނިކުފާނަށް ވީ ފައިދާކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިޙް ވިދާޅުވީ, މިނިވަން ދައުލަތެއްގެ އެންމެ ބާރުގަދަ ހައްޤަކީ ނޫސްވެރިކަމާއި, ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުޅި އުދަރެސް އޮތީ އަބުރުގެ ޤާނޫނުގެ ނަމުގައި އޮތް ބަނަ ވިލާގަނޑުތަކަކުން ބައްދާލައިފައިކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
“މިއަދު އަޅުގަނޑުމެން މިތިބީ ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަމެއް ދީގެން. އެކަމުން ސަރުކާރަށް ވީ އުނދަގުލެއް ލިބުނު ގެއްލުމެއް ނެތް. އެ މިނިވަންކަން ދިނުމުން، ހަމަގައިމު ވެސް އަޅުގަނޑަށް ވީ ފައިދާ.” — ރައީސް ސޯލިޙް
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ، މީޑިއާގެ ކުރިއެރުމާއި ގުޅޭ ދެ މުއައްސަސާއެއްގެ ކަމަކީ ނޫސްވެރިންނާއި, ނޫސް އިދާރާތައް ޖޫރިމަނާކޮށް އަދަބު ދިނުން ކަމަށާއި, އޭރުގެ ސަރުކާރުގެ ފިއްތުންތަކާއި ހެދި އޭރު ހުއްޓައިލަން ޖެހުނު މީޑިއާތައް މަދެއް ނޫންކަމަށެވެ.
ރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއަރުވައި ރައްކާތެރިކޮށް ދެމެހެއްޓުމަށް، ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން މަސައްކަތް ކުރައްވާއިރުވެސް، އިންސާނީ ޙައްޤުތަކާ ގުޅިފައިވާ ހުރިހާ ދާއިރާތަކަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދެއްވައިގެން އެ މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.