ޚަބަރު
ރާއްޖޭގައި މަޝްރޫއެއް ނުހިންގާ އެންމެ ރަށެއްވެސް ނޯންނާނެ: ނައިބު ރައީސް

ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނުގެ ރަށްތަކުގައި ތަރައްގީގެ އެންމެ މަޝްރޫއެއް ނަމަވެސް ނުހިންގާ ރަށެއް ނެތްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން ރޭ ފުވައްމުލަކު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިސަރުކާރުން ރާއްޖެއަށް އިންގިލާބީ ބޮޑެތި ބަދަލުތައް ގެންނަމުންދާ ކަމަށާއި މިސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށް ފުއްދަމުން ގެންދާ ކަމަށެވެ.

މި ސަރުކާރުން ތަރައްގީގެ ކަންކަން މުޅިރާއްޖޭގައި ބާރަށް ކުރިޔަށްގެންދަވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ފުވައްމުލަކު ސިޓީގެ ގޮނޑުދުށް ހިމާޔާތް ކުރުމުގެ މަޝްރޫއު އަކީ ޒަމާނުއްސުރެ ފުވައްމުލަކު ސިޓީގެ ރައްޔިތުން އިންތިޒާރުކުރަމުން އައި މަޝްރޫއެއް ކަމަށާއި މިއީ މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން ފެށުމަށް މަސައްކަތް ކުރި މަޝްރޫޢެއް ކަމަށެވެ.

މީގެ އިތުރުން ނައިބު ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ މަޝްރޫއުތަކަށް އަލިއަޅުވާލެވުނެވެ.

ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި ބަނދަރުގެ އުތުރުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ގާއިމުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައި ވަނީ ވަނީ އެމްޓީ ހޯގާޑް އާއެވެ. 606 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫއަކީ 300,343,050 (ތިންސަތޭކަ މިލިއަން، ތިންސަތޭކަ ސާޅީސް ތިން ހާސް، ފަންސާސް ރުފިޔާ) ގެ މަޝްރޫއެކެވެ.

މިއީ ނެދަލެންޑް ސަރުކާރުގެ ހިލޭއެހީއާއި ކުވެއިތު ފަންޑުގެ ލޯނު އެހީއާ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުކެވެ.

މަޝްރޫއުގެ ކޮންޓްރެކްޓުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޕެއާ ވިންތާ ލާސަންއެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހއްމަދު އަސްލަމްއާ ނެދަލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޓާންޔާ ގޮންގްރިޖް އެވެ.

Comment