ޚަބަރު
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އާއިލާ މީހަކު 25 އަހަރަށް ޖަލަށް

ކުޑަ ކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލާން ދަށުކޯޓުން ކުރި ޙުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ.

މިމައްސަލައަކީ، ފުވައްމުލަކު، މިސްކިތްމަގު، ކިނބިދޫގޭ އަހްމަދު ރިޔާޟް 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 3 ވަނަ ދުވަހުގެ 2:00 އެހާކަންހާއިރު އޭނާއާއި އާއިލީ ގޮތުން ގުޅުން އޮންނަ އުމުރުން 11 އަހަރުގެ ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގާފައިވާ ކަމަށް ބުނެ ހައިކޯޓުން ބަލާފައިވާ މައްސަލައެކެވެ. އަދި މިމައްސަލައާ ގުޅިގެން ރިޔާޟްގެ މައްޗަށް ދައުލަތުން ވަނީ އާއިލާ މެންބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

އެންމެ ފުރަތަމަ މިމައްސަލަ ބަލާފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުންނެވެ. އެކޯޓުން ކޮށްފައިވާ ހުކުމް ގައިވަނީ، ރިޔާޟް ދައުވާއަށް އިންކާރު ކުރި ނަމަވެސް، ހުށަހެޅުނު ހެއްކާއި ގަރީނާއަށް ރިއާޔަތްކުރާއިރު ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާއިމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގައި ބުނާފަދަ ޖިންސީ އަމަލެއް ކުއްޖާއާއެކު ހިންގި ކަމަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އެގޮތުން އެމައްސަލައިގައި ކުށް ސާބިތުވުމުން ފުވައްމުލަކު ކޯޓުން ރިޔާޟްގެ މައްޗަށް ހުކުމް ކޮށްފައިވަނީ 25 އަހަރަށް ޖަލަށް ލުމަށެވެ.

މި ނިންމުމަކީ ޝަރްޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފު ނިންމުމެއްކަމަށް ބުނެ ރިޔާޟް މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

މިމައްސަލައާ ގުޅިގެން އެންމެ ފުރަތަމަ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހު ދަންވަރު 2:00 ހާއިރު 11 އަހަރުގެ ކުއްޖާ ނިދަން އޮއްވާ ކޮޓަރިއަށް ވަދެ ރިޔާޟް އެކުއްޖާއާއެކު ބަދުއަޚްލާގީ އަމަލު ހިންގި ކަމުގެ ވާހަކަ ދެއްކެވީ އެކުއްޖާގެ ދައްތައެވެ. އަދި އެކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުން ކުއްޖާގެ ކުރިމަތީ ފަރާތުގެ ކުޑަ ދެތުންފަތް ތެރެއިން ވާތްފަރާތަށްވާ ސަރަހައްދު ރަތްވެފައިވާ ކަމަށާއި، މިއީ ކުއްޖާ ކިޔައިދޭ ވާހަކައާއި ޑޮކްޓަރީ ގޮތުން ބެލިބެލުމާއި ދިމާވާކަމެއްކަން އެނގޭ ކަމަށް ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބަޔާން ކޮށްފައިވެއެވެ.

ހައިކޯޓުގެ ޙުކުމްގައިވަނީ މި މައްސަލައިގައި ކުޑަކުއްޖާ ފުރަތަމަ ކިޔައިދިނުން އަސާސެއްކަމަށް ބަލައިގެން އެ ކުއްޖާ ތަޙްޤީޤަށާއި, ސޯޝަލް ވޯކަރއަށް ކިޔައިދިން ދިނުމާއި، ޑޮކްޓަރީ ރިޕޯޓަށް ބެލުމުން ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގިކަން ގަބޫލުކުރެވޭ ކަމަށާއި, އެ ގޮތުން ދަށުކޯޓުގެ ޙުކުމަށް ބަދަލެއް ގެންނާން ނުޖެހޭކަމަށެވެ. އެ ގޮތުން ހައިކޯޓުން ޙުކުމްކުރީ ފުވައްމުލަކު ކޯޓުން ކުރި ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާ ކަމަށެވެ.

Comment

  1. މިންނު

    ތި މައްސަލަ ނިއްމިލެއް ވެސް މާއަވަހެންނު