ރާއްޖޭގެ މަސްވެރިންގެ ޖަމިއްޔާއިން ގއ.ގެމަނަފުށީގައި ފައިބަރު މަސައްކަތް ދަސްކޮށްދޭ ޓްރެއިންގ ކޯހެއް ފަށައިފިއެވެ.
މިއަހަރު މަސްވެރިންގެ ދުވަހުގެ ހަރަކާތެއްގެ ގޮތުގައި ޑިސެމްބަރ 10 ވަނަ ދުވަހު ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވޭ މިކޯހުގައި ގެމަނަފުށީ ޒުވާނުންނާއި މަސްވެރިންނަށް ފައިބަރު ޖެހުމުގެ މަސައްކަތް ދަސްކޮށްދެވޭނެއެވެ.
މަސްވެރިންގެ ޖަމިއްޔާގެ އޮފިޝަލަކު ހުވަދޫ ނިއުސްއަށް މައުލޫމާތު ދިން ގޮތުގައި މިކޯހުގައި ކިޔަވައިދޭނީ ފައިބަރު ޖެހުމުގެ މަސައްކަތަށް ތަޖުރިބާކާރު ބޭފުޅެކެވެ. މިއީ ގެމަނަފުށީ ޒުވާނުންނަށް ހާއްސަކޮށް މަސްވެރިންގެ ޖަމިއްޔާއިން ހިލޭ ހިންގާ ކޯހެއް ކަމަށް އެޖަމިއްޔާއިން ވަނީ މައުލޫމާތުދީފައެވެ.
މިމަހު 10 އިން 20އަށް ކުރިޔަށް ގެންދާ މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް މިވަނީ ހުޅުވާލެވިފައެވެ. މިފަދަ ކޯސްތައް ހިންގުމުގެ މައިގަނޑު މަޤްސަދަކީ މަސްވެރިކަން ކުރިއަރުވައި އެރޮގުން ޒުވާނުން ތަމްރީނުކޮށް މިފަދަ މަސައްކަތްތަކަށް ޒުވާނުންގެ ޝައުޤުވެރިކަން ހޯދުމެވެ.
ގެމަނަފުށީ ރައްޔިތުންނަކީ އެއްބައިވަންތަ އެކުލުންތެރި ބަޔެއް ދިރިއުޅޭ ރަށެކެވެ. ރައްޔިތުން ގުޅިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރާ ރަށެއްކަން ފާހަގަކުރަމެވެ.