ބަދުރު ހަނގުރާމައިގައި މަރުވި ކާފަރުންގެ މައްޗަށް ރޮއެދޭން ނުކުތް ޖާހިލިއްޔަ ޒަމާނުގެ މީހުންނެކޭ، ޕީޕީއެމެކޭ ތަފާތެއް ނެތް ކަމަށް ރާއްޖެ އެމްވީ އިން ސިފަކޮށްފިއެވެ.
ރާއްޖެ ޓީވީގެ ވެބްސައިޓް ކަމަށްވާ “ރާއްޖެ އެމްވީ” ގައި ޝާއިއު ކުރި މިލިޔުމަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ޕީޕީއެމް އިން ހިންގަމުން ގެންދާ ހަރަކާތްތަކަށް ފާޑުކިއުމުގެ ގޮތުން ލިޔެފައިވާ ލިޔުމެކެވެ.
އެގޮތުން “މިޒަމާނުގައި ދައްޖާލަށް ސައިކުރާ ކައްކައިދޭ ގޮތުގެ މިސާލަކީ އިދިކޮޅުން ހިންގާ އިންޑިއާ އައުޓް” ސުރުޚީގެ ދަށުން އެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ޕީޕީއެމްގެ މެންބަރުން ކާފަރުންގެ ގޮތުގައި ސިފަ ކޮށްފައިވާ ލިޔުމުގައި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކަށް ވެސް ފުރައްސާރަ ކޮށްފައިވެއެވެ.
އިދިކޮޅު ޕީޕީއެމްގެ މެންބަރުންނަކީ ކާފަރުން ކަމަށް “ރާއްޖެ އެމްވީ” އިން ސިފަކުރިއިރު މިއީ ދާދިފަހުން ޤާނޫނުލް އުޤޫބާތަށް ގެނެވުނު އިސްލާހާއި އެކު ޖިނާއީ ކުށެކެވެ. މިހާރު ޤާނޫނުލްއުޤޫބާތު ބުނާ ގޮތުން ތަކްފީރު ކުރުމުގެ އަމަލާއި، މީހެއްގެ ނަސްލާއި، އުފަންވީ ޤައުމާއި، ކުލައާއި، ސިޔާސީ ވިސްނުމާއި ގުޅިގެން ހިންގާ ބައެއް ކަހަލަ އަމަލުތަކަކީ ކުށްތަކެވެ. ޤާނޫނުލް އުޤޫބާތުގެ 124 ވަނަ މާއްދާގެ (ހ) ގައި ބުނާގޮތުން މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅު ނުކުރާހާ ހިނދަކު، ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު އާންމު ތަނެއްގައި އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދު ވެފައިވާ މީހެއްގެ ގޮތުގައި ސިފަ ކުރުމަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ 4 މަހާ 24 ދުވަހަށް ޖަލަށްލުމެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ މީސްމީޑިއާގައި “ރާއްޖެ އެމްވީ” ކުށްވެރިކޮށް ވާހަކަ ދައްކަވަމުންނެވެ. އަދި މިމައްސަލަ ބަލައިދިނުމަށް މީޑިއާ ކައުންސިލަށް ގޮވާލަމުންނެވެ.