ރިޕޯޓް
ހަށިގަނޑުގެ 16 އިންސައްތަ ފިހިފައިވާ ކުޑަކުޑަ އައިރީންއަށް ބޭނުންވަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީ

ސ. ހުޅުދޫ ސީވޭވް އައިޝަތު ޝަރުފާ އަދި، މ. ޕެރިވިންކްލް އިރުމަތީބައި، މުހައްމަދު ވަހީދުގެ ދެމަފިރިންގެ ކައިވެންޏަށް ފަހު ކުރި އިންތިޒާރުގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ. ޝަރުފާ ބަލިވެ އިންކަން އެނގުމުން ދެމަފިރިންވެސް އުފަލުން ފޮޅުނެވެ. އެއުފާވެރިކަމަށް އިތުރު ބޮޅެއް އިތުރުވެގެން ދިޔައީ ޝަރުފާ ބަލިވެ އިނީ އެއްމާބަނޑު ދެކުދިންނަށް ކަން އެނގުނު ހިސާބުންނެވެ.

22 އޮގަސްޓް 2020 ވަނަ ދުވަހު ޝަރުފާ ވިހެއީ އެއްމާބަނޑު ދެ އަންހެން ކުދިންނެވެ. ދެކުދިން ވިހެއިއިރު އެއްވެސް ސިއްޚީ މައްސަލައެއް ފާހަނގަ ކުރެވިފައިނުވެއެވެ. އަދި ހަމައެއާއެކު ދަރިން ބެލުމަށްޓަކާ ޝަރުފާ ވަޒީފާއަށް ނުގޮސް ދަރިންގެ ކަންތަކަށް ހުރިހާ ވަގުތެއް ދިނުމަށް ނިންމިއެވެ. އާއިލާ ބަލަހައްޓަމުން ގެންދަނީ ފިރިމީހާއަށް ލިބޭ އާމްދަނީ އިން އެކަނި ކަމަށް ޝަރުފާ މައުލޫމާތު ދެއްވިއެވެ.

އުފަލުން އުޅެމުންދިޔަ ކުޑަކުޑަ އާއިލާއަށް ހީވެސް ނުކުރާވަރުގެ ހިތާމައަކާ ކުރިމަތިލާން ޖެހުނީ ކުއްލިއަކަށް ދިމާވި ހާދިސާއަކުންނެވެ. އާވިއަރުވަން ތައްޔާރުކުރުމަށް ކެއްކި ފެން، ތައްޓަކަށް އަޅާފައި މޭޒުމަޓީގައި ބަހައްޓާފައި ހުއްޓާ 1 އަހަރާ 3 މަހުގެ އައިރީންގެ އަތުން އެތަށީގައި ޖެހި އެކުއްޖާގެ މުޅި ގަޔަށް ހޫނުފެން އެޅި ކުއްޖާގެ ހަށިގަނޑުގެ ބޮޑުބައެއް ފިހުނެވެ. މިކަމާ ގުޅިގެން އެންމެ ފުރަތަމަ އައިރީން ގޮވައިގެން ފަރުވާ ހޯދުމަށް އެންމެ ފުރަތަމަ ދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ހޯދަމުން ދަނިކޮށް ވަރަށް ގަދައަށް ހުންއައިސް ކުއްޖާ ފިޓުޖެހުނެވެ.

ފިހުނު ފަހުން ދަރިފުޅު އެޑްމިޓް ކޮށްފައި އޮއްވާ 4 ފަހަރު ފިޓު ޖެހުނު ކަމަށް ކުއްޖާގެ މަންމަ ބުންޏެވެ. އަދި ހުން ރަނގަޅު ނުވާ ކަމަށާއި، އޭޑީކޭ އިން ބޭސްފަރުވާ ކުރަމުން އައިސް ހުން އެއްގޮތަކަށްވެސް ރަނގަޅު ނުވެގެން އަމިއްލައަށް ދަރިފުޅު ޑިސްޗާޖް ކޮށްގެން ދެން ދިޔައީ ޓްރީޓޮޕަށް ކަމަށާއި، އެތަނުން ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ޓްރީޓޮޕުން ބެލި ޑޮކްޓަރު ބުނެފައިވާ ކަމަށްވެސް ކުއްޖާގެ މަންމަ ބުންޏެވެ. އަދޮ އައިޖީއެމްއެޗް ގައި ހުންނަ “ބާރންޓް ޔުނިޓް” ގައި ދަރިފުޅު އެޑްމިޓްކޮށް ފަރުވާ ހޯދުމަށް ޓޮކްޓަރު ބުނެފައިވާ ކަމަށާއި، ދަރިފުޅުގެ ހަށިގަނޑުގެ 16 އިންސައްތަ ފިހިފައިވާ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

އަދި ސެކަންޑް ޑިގްރީ ބާރން އިންޖަރީ އަކަށް ވުމުން އިންފެކްޝަން ހެދުމުގެ ޗާންސް އޮތުމާއެކު ވަރަށް ރަނގަޅަށް ކުއްޖާއަށް ފަރުވާ ބޭނުންވާތީ އާއި ޕްލާސްޓިކް ސާރޖަރީ އެއް ހެދުމަށް ބޭނުންވާތީ އެސާރޖަރީ ހެދުމަށް ބންގަލޫރުގައި ހުންނަ “ރެއިންބޯ ހޮސްޕިޓަލް” އަށް ދިއުމަށް ޖެހޭ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށްވެސް ކުއްޖާގެ މަންމަ ބުންޏެވެ.

މިހާރުވެސް ކުޑަކުޑަ އައިރިން އަށް ދަނީ އައިޖީއެމްއެޗް ގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންނެވެ. އަދި އާއިލާއިން ބޭނުންވަނީ އިތުރު ފަރުވާއަށް އިންޑިއާއަށް ދިއުމަށެވެ. ނަމަވެސް ހުން އައުމާއި ފިޓު ޖެހުން ރަނގަޅުނުވާތީ އާސަންދައަށް އެދުމުން ރާއްޖެއިން ފަރުވާ ކުރެވޭނެ ކަމަށް ބުނެ އާސަންދަ ހަމަޖެހިފައި ނުވެއެވެ.

ދަރިފުޅު ގޮވައިގެން އިންޑިއާއަށް ދިއުމަށް އާއިލާއަށް ބޭނުންވަނީ ބޭސްފަރުވާއަށް އަދި ޕްލާސްޓިކް ސާރޖަރީގެ އިތުރުން އިންޑިއާގައި ތިބުމާއި ކެއުމާއި، އަދި އެނޫންވެސް ޒަރޫރީ ބޭނުންތައް ބަލަހައްޓާނެ ގޮތެކެވެ. އާއިލާގެ ެވަރުގެ ތަނަވަސް ކަމެއް ނެތުމުގެ ސަބަބުން އާއިލާއިން އެދެނީ ހެޔޮއެދޭ އެންމެހާ ފަރާތްތަކުންވެސް އެއާއިލާއަށް އެހީގެ ކުޑަ މިންވަރެއް ނަމަވެސް ދެވެން އޮތް ފަރާތެއް ވާނަމަ އެހީތެރިވެދިނުމަށެވެ. އަދި އައިރީން އަށް ހެޔޮދުއާ ކުރުމަށްވެސް އާއިލާއިން އެދިފައިވެއެވެ.

އައިރީންގެ ހާލަތު ބަލާލުމަށް ބޭނުންވާ ފަރާތްތަކުން އަދި އެހީތެރިވެދެއްވުމަށް ބޭނުންވާ ފަރާތްތަކުން އާއިލާއަށް ގުޅާލުމަށް، 7589392 (އައިރިންގެ މަންމަ) 7573535 މުހައްމަދު ވަހީދު (އައިރިންގެ ބައްޕަ) ނަންބަރަށް ގުޅުމަށާއި އަދި މާލީ އެހީތެރިކަން ފޯރުުކޮށްދިނުމަށް އައިޝަތު ޝަރުފާ (އައިރިންގެ މަންމަ) އެކައުންޓަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް އާއިލާއިން އެދެއެވެ.

ފައިސާ އެކައުންޓް ނަންބަރު: 7730000037388

އެކައުންޓް ނަން: އައިޝަތު ޝަރުފާ

Comment