ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރެވުނު އަދުހަމްއަށް ހުކުމް ކުރުން މިއަދު ހެދުނު 11 ޖަހާއިރު ފެށިގެންދާނެއެވެ.
ނަޝީދުގެ ކާރުކޮޅުގައި ބޮން ގޮއްވާލި ރޭ އަތަމާ ޕެލެސް އިމާރާތުގެ ތެރޭގައި ނަޝީދަށް ފާރަ ލައިގެން ހުރުމަށްފަހު އަދުހަމް ވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް ރިމޯޓް ބޭނުންކޮށްގެން ބޮން ގޮއްވާލާފައެވެ. ބޮންގޮއްވާލުމަށްފަހު އަދުހަމް ވަނީ މުޖާޒް އަހުމަދު އާއި ބައްދަލުކޮށްފައެވެ. މުޖާޒުއަކީ މިހަލާ ރާވައި ހިންގުމުގައި އަދުހަމްގެ ބައިވެރިއެވެ. ހަމަލާދިން ރޭ އެދެމީހުން މާލެތެރޭ އުޅުނު ވީޑިޔޯތައް ފުލުހުން ވަނީ އާއްމުކޮށްފައެވެ. ފުލުހުން އަދުހަމް ހައްޔަރުކުރީ ހުޅުމާލޭގައި އޭނާ ދިިރިއުޅުނު އެޕާޓްމެންޓް ތެރެއިންނެވެ.

ފޮޓޯ: ފުލުހުން އަދުހަމް ހައްޔަރުކޮށްގެން ގެންދަނީ
މިހަމަލާގައި އަމަލީ ގޮތުން ބައިވެރިވެފައިވާތީ އަދުހަމުގެ މައްޗަށް ވަނީ 4 ދައުވާއެއް އުފުލާފައެވެ.
އަދުހަމުގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކަކީ ޓެރަރިޒަމްގެ އަމަލެއްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލަންއުޅުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ.
މިދައުވާތަކަށް އަދުހަމް ވަނީ އިއުތިރާފްވެފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލަން މެއިމަހުގެ 6 ވަނު ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ރަޝީދު ހުރީ އަމިއްލައަށް މަރުވެގެންވެސް ރައީސް ނަޝީދު އަވަހާރަކޮށްލަން ތައްޔާރަށްކަމަށެވެ.