މި އަހަރު ބީއެމްއެލް ގެ ކޮންމެ ހިއްސާއަކަށް 15 ރުފިޔާގެ ރޭޓުން ޖުމްލަ 80.7 މިލިއަން ދިވެހި ރުފިޔާ ބެހުމަށް އެކުންފުނިން މިއަދު ނިންމައިފއެވެ.
މި އަދަދަށް ފައިދާ ބަހަން ފާސް ކޮށްފައިވަނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ “ފަހި ވޯޓް” ޕްލެޓްފޯމު މެދުވެރިކޮށް ކުރިޔަށް ގެންދިޔަ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހުރިހާ ހިއްސާދާރުން އިއްތިފާގު ވެގެންނެވެ.
މި ޖަލްސާ ގައި ވާހަކަ ދައްކަމުން، ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން އައި މާލީ ހީނާރުކަމުގެ ތެރޭގައި ބޭންކުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަން ޓިމް ސޯޔާ ފާހަގަ ކުރެއވިއެވެ. އަދި އޭގެ ސަބަބުން މީގެ ކުރީ އަހަރަށް ވުރެ ބޭންކުގެ އާމްދަނީ 60 ޕަސަންޓު ދަށްވި ކަން އޭނާ ފާހަގަކުރި އެވެ.
“އަހަރު ކާމިޔާބު ކަމާއެކު ފެށިގެން ދިޔަނަމަވެސް ކޮވިޑް ގެ ބަލިމަޑުކަމުގެ ސަބަބުން އާމްދަނީ ވަަރަށް ބޮޑަށް ދަށްވެ ބޭންކަށް އެކަމުގެ ބޮޑު ނޭދެވޭ އަސަރެއް ކުރި” – ޓިމް ސޯޔާ
މި ހުރިހާ ގޮންޖެހުންތަކާ އެކު ވެސް ބީއެމްއެލްއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިއަހަރުގެ ތެރޭގައި 12،000 ވުރެ ގިނަ ކަސްޓަމަރުން ބޭންކާ އަލަށް ގުޅިފައިވާ ކަން ފާހަގަ ކޮށްލެވެއެވެ. އަދި ބޭންކުން ދޫކުރި ލޯނުގެ ޖުމްލަ އަގު ތިން ބިލިއަން ރުފިޔާއަށް އަރަ އެވެ.