އެއްފަހަރާ ފަސްކުދިންނަށް ވުރެ ގިނަ ކުދިންނަށް ޓިއުޝަން ދޭނަމަ އެތަނެއް ބެލެވޭނީ ޓިއުޝަން ސެންޓަރެއްގެ ގޮތުގައި ކަމަށް ކަނޑައަޅައި، އެފަދަ ތަންތަން ދެމަސް ދުވަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ލާޒިމްކޮށް ގަވައިދެއް އެކުލަވާލައިފިއެވެ.
މިދިޔަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ތައުލީމީ ގާނޫނުގެ ދަށުން ސްކޫލް ފިޔަވައި ކުޑަކުދިންނަށް ކިޔަވައިދޭ ތަންތަން ރަޖިސްޓްރީ ކުރުމާއި ހިންގުމުގެ ގަވައިދު އިއްޔެ ވަނީ ގެޒެޓް ކޮށްފައެވެ.
އެގަވައިދުގެ ދަށުން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ހިންގާ ޓިއުޝަން ސެންޓަރުތަކުގައި އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަކާ ނުލައި ކިޔަވައިދިނުން މިގަވައިދުގެ ދަށުން މަނާވާނެއެވެ. އަދި ހުއްދައަކާ ނުލާ ޓިއުޝަން ސެންޓަރެއް ހިންގާ ކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިއްޖެނަމަ އެތަނެއް ބަލައި ފާސްކުރުމާއި ވަގުތުން ބަންދު ކުރުމުގެ ބާރު އެޑިއުކޭޝަން މިނިސްޓްރީއަށް މިގަވައިދުގެ ދަށުން ލިބިގެން ވެއެވެ.
އޭގެ އިތުރުން، ރަޖިސްޓްރީ ކޮށްފައިވާ ސެންޓަރެއް ނަމަ، އެތަނެއްގައި ކުރިއަށް ގެންދަން ހުއްދަ ދެވިފައިވާ ޕްރޮގްރާމްތައް ނޫން އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދާކަން ފާހަގަކުރެވިއްޖެ ނަމަ ރަޖިސްޓްރޭޝަން ބާތިލުކޮށް ވަގުތުން އެސެންޓަރަކަށް ފިޔަވަޅު އެޅުމުގެ އިހްތިޔާރުވެސް އެޑިއުކޭޝަން މިނިސްޓްރީއަށް ލިބިގެންވެއެވެ.
އަދި ކުދިންގެ އަތުން ނަގާނެ ފީ ނެގުމުގެ އުސޫލެއްވެސް މިނިސްޓްރީއިން އެކުލަވާލާނެއެވެ. އެގޮތުން ފީ ކަނޑައެޅުމުގައި މިނިސްޓްރީއިން ބަލާނީ ދަރިވަރުންގެ އުމުރުފުރާއަށާއި އެސެންޓަރެއްގައި ކިޔެވުމަށް އެކުދިން ހޭދަކުރާ ވަގުތަށާއި ކިޔަވައިދިނުމަށް ބޭނުން ކުރާ ވަސީލަތްތަކުގެ އިތުރުން ފޯރުކޮށްދެވޭ ޚިދުމަތަށެވެ.
މި ގަވާއިދުގެ ދަށުން އެފަދަ ސެންޓަރުތަކުގައި ކިޔަވައިދޭ މުވައްޒަފުންގެ އަތުގައި ޓީޗަރުކަން ކުރުމުގެ ލައިސެންސް ނުވަތަ ހުއްދައެއް އޮންނަން ޖެހެ އެވެ.
މި ގަވާއިދުގައި ވަނީ ސްކޫލް ފިޔަވާ ކުޑަކުދިންނަށް ކިޔަވައިދޭ އިތުރު ތަންތަނުގެ މަސްއޫލުވެރިންގެ ހުންނަ ޖެހޭ ޝަރުތުތަކާއި އަދާކުރަން ޖެހޭ ޒިންމާތަކާއި އަދި ކިޔަވައިދޭ އިމާރާތުގައި ފުރިހަމަ ވާން ޖެހޭނެ ކަންކަން ވެސް ހިމަނައިފަ އެވެ.
އެހެންކަމުން ޓިއުޝަން ސެންޓަރުތައް މިނިސްޓްރީން ރަޖިސްޓްރީ ކޮށްދޭނީ މި ތަންތަން ރަޖިސްޓްރީކޮށް ދޭނީ “މިނިމަމް ސްޓޭންޑަޑް ފެސިލިޓީސް” އަށް ފެތޭ ނަމަ އެވެ.
މަތީ ތައުލީމުގެ ގާނޫނުގެ ދަށުން މިދިޔަ ހަފުތާގައި ވަނީ ކޮލެޖުތަކާއި މަރުކަޒުތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދެއް ހަދައި، އެތަންތަން ވެސް އަލުން ރަޖިސްޓްރީ ކުރަން އަންގައިފަ އެވެ.