ބޮލީވުޑްގެ މަޝްހޫރު ތަރި ޖޯން އަބްރަހަމްގެ އިންސްޓާގްރާމް ރަސްމީ ޕޭޖަށް ގިނަ ބަދަލުތަކެއް އައިސް ޖޯންގެ ފޭނުން ވަރަށް ބޮޑު ހާސްކަމެއްގެ ތެރެޔަށް ވައްޓާލައިފިއެވެ.
އިންސްޓާގްރާމްގައި 9.7 މިލިޔަން ފޮލޯވަރުން ތިބޭ ޖޯންގެ އެކައުންޓުގައި ހުރި ފޮޓޯތަކާއި ޕޯސްޓުތައް ވަނީ ޑިލީޓްކޮށްފައެވެ. އެހެންނަމަވެސް އެކައުންޓް ޑީއެކްޓިވޭޓް ކޮށްފައި ނުވެއެވެ. އެކައުންޓު ބަންދުނުކޮށް އެކައުންޓުގައި ހުރި ޕޯސްޓުތަކާއި ފޮޓޯ ފަދަ ތަކެތި ޑިލީޓް ކުރުމުން ޖޯންގެ ފޮލޯވަރުންނާއި ފޭނުން ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.
ޖޯން ބުނާގޮތުގައި ސޯޝަލް މީޑިޔާގެ ސަބަބުން ދިރިއުޅުމަށް ނޭދެވޭ އަސަރުކުރެއެވެ. އެހެންކަމުން ޖޯންގެ އާއިލާއާ ބެހޭ އެއްވެސް މައުލޫމާތެއް މީޑީޔާގައި ހާމަކުރުމަކީ ޖޯން އެހާ ގަޔާވާ ކަމެއް ނޫނެވެ. އަދި އާއިލާއާ ބެހޭ ގޮތުން ކުރާ ސުވާލުތަކަށް ޖަވާބެއް ނުދޭނެއެވެ.
އިންސްޓާ ޕޭޖަށް ގެނައި ބަދަލުގެ ސަބަބުން ގިނަ ފޭނުންގެ ހިތުގައި އުފެދިފައިވަނީ ސުވާލުތަކެވެ. ޕޯސްޓުތަކާއި ފޮޓޯތައް ޑިލީޓް ކުރާނީ އޭގެ ފަހަތުގައި ވަރަށް ބޮޑު ސަބަބެއް އޮވެގެން ކަމަށް ގިނަބަޔަކު ދަނީ ކޮމެންޓް ކުރަމުންނެވެ.
އަންނަ އަހަރު ޖެނުއަރީ 28 ވަނަ ދުވަހު ޖޯންގެ އެންމެ ފަހުގެ ފިލްމު “އެޓޭކް” ގެ ޓީޒާ ރިލީސްކުރަން ނިންމާފައިވާކަން ޓްވިޓާގައި ހާމަކޮށްފައިވާއިރު ޖޯން މިވަނީ އިންސްޓާގްރާމް އިން ގެއްލިފައެވެ.