ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމް ސަސްޕެންޑް ކުރިތާ 10 މަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް ކޮންމެ މަހަކު ބަރާބަރަށް މުސާރަ ދަނީ ހިގަމުންނެވެ.
މިއަހަރު ޖެނުއަރީ 27 ވަނަ ދުވަހު ހަލީމް ސަސްޕެންޑް ކުރީ މަޖިލީހުގެ އާންމު ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. މިހާރު އެމައްސަލައަށް ވީނުވީއެއް ނެގި ވަނީ ހުއްޓިފައެވެ. އެހެންނަމަވެސް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކޮންމެ މަހަކު ހަލީމަށް 33،000 ރުފިޔާގެ ބޮޑު މުސާރައެއް ދަނީ ދެމުންނެވެ.
މިމައްސަލައަކީ ސިއްރުން ކުރިޔަށް ގެންދިޔަ މައްސަލައަކަށްވާތީ، މައްސަލައިގެ އެއްވެސް ތަފްސީލެއް ރަސްމީ ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ. މިއަހަރު މެއިމަހު މަޖުލީހުގެ އާންމު ކޮމިޓީއިން ވަނީ މިމައްސަލައިގައި ގޮތެއް ނިންމައި ރިޕޯޓް މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފައެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރު މިމައްސަލަ މަޖުލީހުގެ އެއްވެސް ޖަލްސާއެއްގައި ތާވަލްކޮށްފައިނުވެއެވެ.
މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ކޮޓަރީގައި ބަގްކުރުމުގެ އާލަތްތައް ހަރުކޮށްދޭން އަންހެން މުވައްޒަފަކަށް ހުށަހަޅައި ފައިސާގެ ބޮޑު އަދަދެއް ދިނުމުންވެސް އެމުވައްޒަފު އެކަން ޤަބޫލުނުކޮށް އެކަން ހަލީމަށް ރިޕޯޓްކޮށްފައިވެއެވެ. އެހެންނަމަވެސް އެފަދަ ކަމެއް އެނގިހުރެ ނޭންގި މައްސަލައިގައި ހަލީމް ވަނީ މިދިޔަ ޖެނުއަރީމަހު ސަސްޕެންޑް ކޮށްފައެވެ.