އަންނަ އަހަރަށް ޗާޕުކުރުމަށް ހަމަޖެހިފައިވާ ޤުރުއާން ފޮތްތަކުގައި ހުރި ޤުރުއާނުގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން ފޮނުވާފައިވާ ސިޓީއެއް ލީކުވެއްޖެއެވެ.
ޤުރުއާން ފޮތްތަކުން އާޔަތްތައް އުނިކުރަން އުޅޭ ވާހަކަ މީސްމީޑިއާއަށް ތިލަވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެފަދަ ނިންމުމެއް އެމިނިސްޓްރީއިން ނިންމާފައިނުވާ ކަމަށް ބުނެ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައެވެ. އަދި އަންނަ އަހަރުގެ ފޮތްތައް ޗާޕުކުރާނީ ކުރިން ފާހަގަކުރެވިފައިވާ ކުށްތައް އިސްލާހުކުރުމަށްފަހުގައި ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މިއަހަރުގެ ޤުރުއާން ފޮތްތަކުގައި ހުރި ގިނަ ކުށްތަކެއް ފާހަގަކުރެވުމުން އެކަމަކީ ކުރީ ސަރުކާރުން ފާސްކުރި ފޮތްތަކެއް ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ އެކަމުގައި ވެސް ބަހަނާތަކެއް ދައްކާފައެވެ. އަދި އެކަންވެސް ވަނީ ފަހުން ހާމަވެފައެވެ.
ޤުރުއާނުގެ އާޔަތްތައް އުނިކުރުމަށް އެދި ފޮނުވާފައިވާ ސިޓީ
އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ މޫސާ އާދަމް ސޮއިކުރައްވައި ނޭޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަނަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ، ޤުރުއާން ފޮތްތަކުން ފާހަގަކުރެވުނު ކުށްތައް ރިވިއު ކުރެއްވުމުގެ މަސައްކަތް ކުރައްވާއިރު ގްރޭޑް 1 އިން ފެށިގެން ގްރޭޑް 12 އަށް ކިޔަވައިދުނުމަށް ބޭނުންކުރާ ފޮތްތަކުގައި ހުރި އާޔަތްތައް އުނިކުރުމަށްފަހު، އެއާޔަތުގެ ނަންބަރު ލިޔުއްވައި ޚަތިމަށް ރެފަރެންސް ދޭ ގޮތަށް ހަމަޖައްސަވައިދެއްވުމަށް ދަންނަވާ ކަމަށެވެ.
އަދި 2022- 2023 ވަނަ ދިރާސީ އަހަރުގެ ފޮތްތައް ޗާޕުކުރުމަށް އެމިނިސްޓްރީއަށް ފޮނުއްވާއިރު އެގޮތަށް ބަދަލުކުރެއްވުމަށްފަހު ފޮނުއްވައިދެއްވުމަށްވެސް އެސިޓީގައި ބުނެފައިވެއެވެ.