މީހަކު ބްލެކްމެއިލް ކޮށް ބިރުދައްކައިގެން 2 ހާސް ޑޮލަރު ފޭރުނު ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މީހަކު ބްލެކްމެއިލްކޮށްގެން 2000 ޑޮލަރު ހޯދިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ މއ. ކްލޫވޭވް، އަހްމަދު ނަބީލް (27) އާއި ގ. ބެރުގެ އަލީ އީޝާދު (28އ) އެވެ.
މިމައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ފުލުހުން ނަބީލް ހައްޔަރުކުރިއިރު ނަބީލްގެ އަތުން 24 ހާސް ރުފިޔާ ފެނިފައިވާ ކަމަށާއި ބްލެކްމެއިލް ކުރި މީހާގެ އެކައުންޓުން ނަބީލްގެ އެކައުންޓަށް ދެހާސް ޑޮލަރު ޓްރާންސްފަރ ކޮށްފައިވާ ކަމަށެވެ. ނަބީލު އެކަން ކޮށްފައިވަނީ ސޯޝަލް މީޑިއާ އެޕެއް ބޭނުންކޮށްގެން ކަމަށް ކޯޓު އަމުރުގައި ބުނެއެވެ. މިކުށުގައި ނަބީލްއާ ބައިވެރިވުމުގެ ތުހުމަތުގައި އީޝާދަށްވެސް ވަނީ ހުކުމްކޮށްފައެވެ. މިދެމީހުންނަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
ކޯޓު އަމުރުގައި ބުނާގޮތުގައި މިދެމީހުންނަކީ މީގެ ކުރިންވެސް މިފަދަ ކުށްތަކަށް އަރައިގަތުމުގެ އިތުރުން މަސްތުވާތަކެތި ބޭނުން ކުރާ ބަޔެކެވެ. އެކިފަހަރުމަތިން ފުލުހުން މިދެމީހުން ހައްޔަރުކުރި ކަމަށާއި މީގެ ކުރިންވެސް ފޭރުމުގެ މައްސަލަތައް ފެންމަތިވެފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ބްލެކްމެއިލްކޮށްގެން ފައިސާ ހޯދުމާއި ޖިންސީ ގޯނާގެ މައްސަލަތައް މިހާރަކަށް އައިސް މިވަނީ ރާއްޖޭގައި އާންމު ކަމަކަށްވެފައެވެ. މިފަދަ މައްސަލަތަކާއި ގުޅިގެން މިމަހު 9 ވަނަ ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމްސް އިންވެސްޓިގޭޝަންގެ ޗީފް ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ސޯޝަލް މީޑިޔާގެ އެޕްލިކޭޝަންތައް މެދުވެރިކޮށް އަންހެން ކުދިންނާއި ވާހަކަ ދައްކާ އެކުދިންނާ ބައްދަލުކުރަން ގެންގޮސް އެކުދިންގެ ބަރަހަނާ ފޮޓޯތައް ނަގައި ބިރުދައްކައިގެން ފޭރުމުގެ މައްސަލަތައްވެސް ފެންމަތި ވެފައިވާ ކަމަށެވެ. އަދި ބައެއް ކޭސްތަކުގައި މައްސަލަތައް ހުށަހަޅާ ފަރާތްތަކުން ފުލުހުންނަށް ރަނގަޅު މައުލޫމާތު ބައެއް ފަހަރު ނުދޭތީ މައްސަލަތައް ތަހުގީގު ކުރަން ދަތިވާ ކަމަށް ޝިފާއު ފާހަގަ ކުރެއްވިއެވެ.