ޚަބަރު
ވިލިނގިލި ކޯޓުގެ ކުރީގެ މެޖިސްޓްރޭޓްގެ މައްސަލައެއް އޭސީސީއަށް

ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ޝުކޫރުގެ މައްސަލައެއް އޭސީސީއަށް ހުށައަޅައިފިއެވެ. މި މައްސަލަ އޭސީސީ އަށް ހުށަހަޅާފައިވަނީ، ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިންނެވެ.

އަހުމަދު ޝުކޫރު އާއި ބެހޭގޮތުން އޭސީސީ އަށް ހުށަހަޅާފައިވަނީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ގާނޫނާ ހިލާފަށް ފައިސާތަކެއް ދޫކުރިކަމަށް ބުނާ މައްސަލައެކެވެ.

2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޖޭއެސްސީއަށް އެ މައްސަލަ ހުށަހެޅުމުން، އެމައްސަލަ އެކޮމިޝަނުން ދިރާސާ ކޮށްފައިވާކަމަށް ޖޭއެސްސީއިން ބުނެއެވެ.

އެ ކޮމިޝަނުން ކުރި ދިރާސާއަށް ފާހަގަވެފައި ވަނީ އެކަމަކީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ޝުކޫރު، ފަނޑިޔާރުކަމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަނޑައެޅިގެން ފާޅުކަން ބޮޑު ގޮތުގައި ފަރުވާލެއް ނެތި ގާނޫނާ ހިލާފަށް ހިންގާފައިވާ ކަމެއް ކަމަށްކަމަށް ޖޭއެސްސީން ބުންޏެވެ.

އަހުމަދު ޝުކޫރު ހިންގާފައިވާ ގާނޫނާ ހިލާފު މި ކަންތައް އެ ކޮމިޝަނަށް ފާހަގަވެފައި ވަނީ، އެ ކޮމިޝަނުން ދިރާސާކުރި އެހެން ސުލޫކީ މައްސަލަތަކެއް އޭނާއާމެދު ސާބިތުވެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް  ނިންމުމާ ގުޅިގެން އަމިއްލައަށް މަޖިސްޓްރޭޓްކަމުގެ މަގާމުން އޭނާ ވަކިވެފައި ވަނިކޮށްކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

އެހެންކަމުން މި މައްސަލާގައި ފާހަގަވި ކަންކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް 2021 ވަނަ އަހަރު ޖެނުއަރީމަހު ވަނީ ހުށަހަޅާފައިވާކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

Comment