ފެންޑާ
ފިރިހެނުންނާއި އިނުމުގެ ރިކޯޑް އޮތީ ދިވެހި އަންހެނުންގެ އަތުގަ

ދިވެހި ރާއްޖެއަށްވުރެ ގިނަ ފިރީންނާއި އިން އެކި އެކި އަންހެނުން ތިބި ހަމަ އެއްވެސް ތަނެއް މި ދުނިޔޭގައި އޮތްކަމެއް ނޭނގެއެވެ. ހޯދައި ބަލައިފީ ވިއްޔާއި ސާޅީހަކަށް ފިރީނާއި އިން އެކިއެކި އަންހެނުން ހީވަނީ ފެނިދާނޭ ހެނޭ، މިއަކީވެސް ކުޑަ އަޖައިބެއް ނޫނެވެ. މީ ހުސް އިސްލާމުން ތިބޭ ރާއްޖެއެކޭ، މިއަކީ ނާގަބާޑިއެއް، އަންޒަމާނެއް ނޫނެވެ. އިސްލާމްވެރިކަމެއް ހިނގާ ރަނގަޅު ތަނެކެވެ. އެކަމަކު މިބުނި އަޖައިބުގެ މައްޗަށް ބަލާއިރު، އެއަކީ، ހުސް އަންހެނުންގެ ކިބައިގައި ހުރިކަމެއް ނޫނެވެ. ދެބައި މީހުން ހަމަ އެއްވެގެން އުޅޭ ގޮތަކީޔޭ. މިއީ ދެރަ ހުތުރު ގޮތެކޭ މީހަކު ބުންޏަށް އެހޭކަށްވެސް ނޯވެއެވެ. އެއީ މިބަސް ބުނާން އަނގަ ހުޅުވައިލާއިރަށް ކަލެޔޯޔޭ ބުނެފީވިއްޔާ ވާނީ އަނގަ ކައިލައިފައި ހިންދިރުވައިލާން ވިއްޔާޔޭ،

އެހެންނާ، މާފިލާފުށީ މާމުދިންކަލޭގެ ފާނުންގެ ކިބައިން ރިވާވެގެންވެސްވެޔޭ ތިމަންގެ އެއްބަނޑު އެއްބަފައި އައިސާފުޅުގެ އުމުރުން އެގާރަ އަހަރުގައި އައިސް މާލޭގެ ބޮޑެއްގެ ގެޔަށް ފައިބައްޖެއެވެ. އޭނާގެ އުމުރުން ސައުދަ އަހަރުގައި އަހުރެން މާލެއައި ދަތުރަކު އެގޭގެ ވެރި ކާސިން ކަލޭފާނުން ބުނުއްވައިފިޔޭ.. ކަލޭގެ ކޮއިގެ ވަލީއާ މަށާ ހަވާލުކޮށްފައި ދާށޭ. އޭނާ ހީވަނީ މީހަކާއި އިންނާން ވެއްޖެ ހެންނޭ.

ދެން އެބުނުއްވި ފަދައިން އެކަން ކޮށްފައި ރަށަށް ހިނގައްޖައީމޭ. ދެން މާލެ އާދެވުނީ ދޮޅުއަހަރު ފަހުންނޭ.. އައިސް އައިސާފުޅުގެ ޚަބަރު ބެލީމާ އެނގުނީ އެވެނިމީހަކާ އިނދެގެން މިވެނި ގެޔެއްގައި އުޅޭކަމަށެވެ. ދެން އެގޭ ދޮށަށް ގޮސް ބެލިއިރު ތެދެއްމެޔޭ. އައިސާފުޅު އެބައުޅެއެވެ. ހަޔެއްކަމަސްވީ ފިރިހެން ކުއްޖަކުވެސް ގެންގުޅެޔޭ އަދި ބަނޑުވެސް ބޮޑުމެޔޭ.. ދެން އަހަރެން އެގޭގައި އިންދައި އިނދެގެން އުޅޭ މީހާވެސް އަތުވެއްޖެއެވެ. އައިސް އުޅުނު އުޅުމުގެ ތެރޭގައި އައިސާފުޅު ބުނެފިޔޭ. ކަލޭ މިކުއްޖާޔަށް ތިޔަހެން ތިޔަ ހަދަނީ މީ ކަލޭގެ ކުއްޖެއް ނޫންވެތާޔޭ… މިސާހިތަކު ކަލޭގެ ކުއްޖެއްވެސް ހުރެދާނެޔޭ. އޭރުން މަވެސް ހަދާނީ ހިތުހުރި ގޮތެކޭ. އަހުރެން އަހައިފީމޭ، މީ އަނެއްކާ ކާކުގެ ކުއްޖެއްހޭ. އައިސާފުޅު ބުނެފިޔޭ. މިއީ އިހަށް އިނދެގެން އުޅުނު ކާސިމުގެ ކުއްޖެކޭ. ދެން މި ދަތުރު ރަށަށް ގޮސްފައި އާދެވުނީ ވެސް ދޮޅު އަހަރު ފަހުންނޭ. އައިއިރު އައިސާފުޅު އިނީ އަނެއްކާ އެހެން މީހަކާއި އިނދެގެން އެހެން ގެޔެއްގައެވެ. ކަންތައް ހުރީ އިހަށް ފަހަރު ހެންނޭ. މި ގޮތަށް ކޮންމެ ދޮޅު އަހަރަކުން ދަތުރަކު އައިސް ދިހަ ދަތުރު ވީއިރު، އައިސާފުޅުގެ ނުވަކުދީން ތިއްބެވެ. ނަސީބަކުން އެއްބަފަޔެއްގެ ދެކުއްޖަކު ނެތެވެ.

މި ފަހަރު ރަށަށް ގޮސް ހުއްޓައި އައިސާފުޅު ވިހާން އުޅެފައި މަރުވީވާހަކަ އިވިއްޖެޔޭ. ދެން މާލެ އައިސް އައިސާފުޅުގެ ކުދީންކޮޅު ހޯދޭތޯ އުޅެގެން ފެނުނީ އެންމެ ދޮށީ ކުއްޖާޔެވެ. ކޮއްކޮމެން ކޮބައިހޭ އަހައިގެން ބުނާކަށެއް ނޭނގުނެވެ. އެއްބައިކުދިން ވަކަރުގޭގައި އުޅޭވާހަކަ ބުންޏޭ. ދެން ކޮންމެއަކަސް އެކުދީންނަކު ހޯދާކަށެއް ނޭނގުނޭ، ދެން ގަދަކަމުން ކަހަލަ ގޮތަކަށް މިކުއްޖާ ރަށަށް ގެންގޮސްގެން އުޅެނިކޮށް ދެތިން މަހެއްގެ ތެރޭގައި ރަށުމީހުންގެ ފޮށި ފަޅައިފި ކަމަށްވެގެން އަތޮޅުވެރީންގެ ހަވާލުގައި އޭނާގެ ޢިއްޒަތުގައި މާލެ ގެނެވިއްޖެއެވެ. ދެން ދިޔައީ ހުވަދޫ އަތޮޅު ހޯޑެއްދުވަށޭ ބުނާތީ އިވުނެވެ. މާމުދިން ކަލޭގެފާނުން ބުނުއްވަޔޭ މިކަންތަކާ ތިމަން އަރާހައި ރުޅިޔެއް އަރަނީ އެގޮތަށް އެކާވަނި ކޮށްދޭ މީހުންދެކެއެވެ. މިވާހަކަޔަކީ ދޮގު ރިވާޔަތެއް ކަމުގައިވިޔަސް މިއަކީ ދިވެހިރާއްޖޭގައި ހިނގުން ދުރުކަމެއް ނޫނެވެ. ނާދޮގެއްތޯ!؟

ނޯޓް: މި ލިޔުމަކީ 1933 ވަނަ އަހަރު ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވާ “އަލްއިޞްލާޙް” އިން ނަކަލު ކުރެވިފައިވާ ލިޔުމެކެވެ.

Comment