އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހަކު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށްބުނާ ދިވެހި ނަރުސް ލަމްހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މިމައްސަލައާ ގުޅިގެން 24 އަހަރުގެ އަންހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހާގެ ވަނަވަރު ފުލުހުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުރިންވެސް ލަމްހާ ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތުމުން އޭރު އޭނާ ވަނީ ހައްޔަރު ނުކުރެވިފައެވެ.
މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ ވެސް އޭނާގެ ފިރިމީހާއެވެ. އެއީ އޭނާ ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.