މަޢުލޫމާތު
ޣާފިލުކަމުގެ ނިދިން އަޅުގަނޑުމެން ހޭލަން ނުވޭތޯ؟ – ހުކުރު ޚުޠުބާ

އަޅުގަނޑުމެންގެ ދިރިއުޅުމުން ފާއިތުވާ ކޮންމެ ދުވަހަކީ އަދި އަހަރަކީވެސް، އެހަރަރުތަކުގައި ނުވަތަ އެދުވަސްތަކުގައި އަޅުގަނޑުމެން ކޮށްފައިވާ ޢަމަލުތަކާއި މެދު، އަޅުގަނޑުމެންގެ މައްޗަށް ހެކިދޭ އަހަރެކެވެ. އެއީ އަޅުގަނޑުމެން އެންމެ ލޯބިވާ ފަރާތްތަކާއި ވަކިވެ، އަޅުގަނޑުމެންގެ އަޖަލާއި ގާތްކޮށްދޭ ދުވަހެކެވެ. އެކަނިމާއެކަނި ޤަބުރުގައި އޮންނަން ޖެހޭނެ ދުވަސް ގާތްވަމުންދާ ކަމުގެ ނިޝާނެއް ކަމުގައި ޚުޠުބާގައި ބެފައިވެއެވެ.

އާންމު ގޮތެއްގައި އިންސާނަކު މިދުނިޔޭގައި އެވްރެޖްކޮށް ދިރިއުޅެވެނީ 60 ނުވަތަ 70 ވަރަކަށް އަހަރުއެވެ. އަދި އެއަށްފަހު މިދުނިޔެއާއި އަލްވަދާޢު ކިޔަންޖެހެއެވެ. އުމުރުގެ ދުވަސްތައް ހެޔޮގުތުގައި މިދުނިޔެމަތީގައި ހޭދަކޮށްފި ކޮންމެ އިންސާނަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލިބިގެން ދެއެވެ. ނަމަވެސް ﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތައް ކުރުމުގައި ޢުމުރު ހޭދަކޮށްފި މީހަކީ ﷲގެ ކޯފާއާއި، އަޛާބަށް ހުށަހެޅިގެންދާނެ މީހެކެވެ. މި ދުނިޔޭގައި ކުޅަ ޢަމަލެއް އަހަރަމެންނާއި ބައްދަލުކުރާނެކަމީ، ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

ފުރިހަމަ މުސްލިމަކަށް މީހާ ވަނީ އާޚިރަތް ދުވަހަށް އީމާންވުމުންނާއި ފޮތްތަކަށް އީމާންވުމުން ކަމަށް ޚުޠުބާގައި ބުނެވިފައިވެއެވެ. ހަމައެކަނި ﷲގެ އެއްކައުވަންތަކަމަށް އީމާންވުމުން ނުފުދޭކަމަށް ޚުޠުބާގައި ބުނެއެވެ. އާޚިރަތް ދުވަހު ހުރިހާ މަޚްލޫޤާތުތައް މަޙްޝަރު ކުރެވޭނެކަމާއި، ހިސާބު ބެއްލެވޭނެކަން ވެސް ޤަބޫލުކުރަންޖެހެއެވެ. އަދިއެދުވަހަކީ، މުދަލަކުން އަދި ދަރިޔަކުން ވެސް މަންފާ ކުރާނެ ދުވަހެއް ނޫންކަމުގައި ޚުޠުބާގައި ބުނެވިގެން ވެއެވެ.

އިސްވެދިޔަ އުއްމަތްތަކުން ޢިބްރަތް ޙާޞިލު ކުރުމަށް މާތްﷲ ވަނީ މިއުއްމަތުގެ މީހުންނަށް އިރުޝާދު ދެއްވާފައެވެ. އެޤައުމުތަކުގެ މީސްތަކުންގެ އީމާންކަން ބަލިކަށިވެ އެބައިމީހުންގެ ހިތްތަކުގައި ﷲ ތަޢާލާއަށް އޮތް ބިރުވެރިކަން ފިލައިގޮސް އެކަލާނގެއަށް އުރެދުމުގެ ސަބަބުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މާތްﷲ އެމީހުންގެ ޙާލަތު ބަދަލު ކުރެއްވިއެވެ. ނަތީއްޖާއަކަށް ވެގެން ގޮސްފައިވަނީ، އެނިއުމަތްތަކުން އެބައިމީހުން މަޙްރޫމްވެއެވެ. އަދި ބަލިމަޑުކަމާއި މުޞީބާތްތައް އެމީހުންނަށް ކުރިމަތިވެ އެބައިމީހުން ހަލާކުވެގެން ނެތިދިޔައެވެ. ސަބަބަކީ ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރި ނުވުމެވެ.

ޤައުމެއްގައި ނުވަތަ މުޖުތަމަޢެއްގައި މުންކަރާތްތައް ހިނގަމުންދާނަމަ، އެކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހެއެވެ. އެތަނެއްގައި މުންކަރާތްތައް މަނާނުކުރެވޭނަމަ، އެއީވެސް ﷲގެ ކޯފާ އެބައެއްގެ މައްޗަށް އައުން ގާތްވެގެންވާ ކަމެއްކަމުގައި ޚުޠުބާގައި ބުނެވިފައިވެއެވެ.

އާޚިރަތަށްވުރެ ދުނިޔޭގެ އެދުންވެރިކަން އިސްކޮށް ދުނިޔަވީ ކަންތައްތަކުގައި، އެއްބަޔަކު އަނެއްބަޔަކަށްވުރެ ކުރިއަރައި ދިއުމަށް މަސައްކަތްކޮށް، އެކަމުގައި ހައްދުފަހަނައަޅާ ދިއުމަކީ ޤައުމުތައް ހަލާކުވުމަށް މެދުވެރިވާ ސަބަބެއް ކަމުގައި ކީރިތި ރަސޫލާގެ ހަދީޘްފުޅުން އެނގޭ ކަމުގައި ޚުޠުބާގައި ބަޔާންކޮށްފައި ވެއެވެ.

ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ﷲ ހަނދުމަކުރުމުން އެއްކިބާވެ، ﷲގެ ކުޅަދުންވަންތަކަމާއި، އެކަލާނގެ މަޚްލޫގާތުތަކާއި، މެދު ނުވިސްނައި ހިތު ހުރި ގޮތަކަށް އުޅޭ މީހުންގެ މިސާލު މާތްﷲ ޖައްސަވާފައި ވަނީ، ނަޢަމްސޫފި ފަދަ ތަކެތީގެ މިސާލުންނެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ، “އެހިތްތަކުން (ހައްޤުގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށް ވެއެވެ، އަދު އެ ލޯތަކަށް (ޙައްޤު މަގު) ނުދެކޭ ނުވަތަ ނުފެންނަ ލޯތަކެއް އެއުރެންނަށް ވެއެވެ. އަދި އެ ކަންފަތްތަކުން (ޙައްޤު އަޑު) ނާހާ ކަންފަތްތަކެއްވެސް އެއުރެންނަށް ވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެވެސް އެއުރެން މަގުފުރދުން ބޮޑެވެ. އެއުރެންނަކީ ހަމަ ޣާފިލުވެގެންވާ ބަޔެކެވެ.”

ޣައިރުމުސްލިމުންގެ ޝިއާރުތައް ފާޅުކޮށް، އެބައިމީހުންގެ ޢީދުތަކުގައި ބައިވެރިވުމަކީ، މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫންކަމުގައި ޚުޠުބާގައި ބެނިވިފައި ވެއެވެ. އެއީ، އެބައިމީހުންގެ ކުފުރާއި، ޝިރުކުގެ ޝިއާރުތައް ފާޅުކޮށް، އެފަދަ ޢަމަލުތައް ހިންގުމަށް ވާގިވެރިވެ އެހީތެރިވުމުގެ ތެރެއިންވާ ކަންކަން ކަމުގައި ޚުޠުބަގއި ބުނެވިފައި ވެއެވެ.

ކަންކަމާމެދު ވިސްނައި ފިކުރުކުރާ ބަޔަކު ކަމުގައި ވުމަށާއި، ޢުމުރުގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރުމަށް އަޒުމް ކަނޑައަޅައި، ދެދުނިޔޭގެ ނަޞީބު ލިބެނިވި ބައެއްކަމުގައި ލެއްވުން އެދި ﷲގެ ހަޟްރަތަށް ގިނގިނައިން ދުޢާ ދެންނެވުމަށް ޚުޠުބާގައި ގޮވާލާފައި ވެއެވެ. އުމުރުގައި ބާކީއޮތް ދުވަސްތަކަކީ ފައިދާ ކުރަނިވި، ޞާލިޙު ޢަމަތައް ކުރުމުގައި ދެމިތިބޭ ދުވަސްތަކެއް ކަމުގައި ހެދުމަށް މަސައްކަތް ކުރުމަށް ޚުޠުބާގައި ބުނެވިފައި ވެއެވެ. ހެޔޮ ޢަމަލަކުން މެނުވީ ޢާޚިރަތުގައި އަޅުގަނޑުމެންނަށް ފައިދާއެއް ނުކުރާނެކަމުގައި ހުޠުބާގައި ބަޔާންކޮށްފައި ވެއެވެ.

Comment