ގއ.ދެއްވަދޫ އާދި ގދ.ވާދޫގެ އެކުވެރިކަމުގެ ގުޅުމަކީ ޒަމާނުއްސުރެ އޮންަ ގުޅުމެއް ކަމަށާއި، އެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދެހިވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ގދ.ވާދު ކައުންސިލްގެ ރައީސް, ހަސަން އަބްދުﷲ (ހަމްބެ) ވިދާޅުވެއްޖެއެވެ.
ރައީސް ހަމްބެ މިހެން ވިދާޅުވީ، ކޮވިޑް19 ގެ ބަލި ވާދޫގެ މުޖްތަމަޢުގެ ތެރެއިން ފެނި، އެޗްޕީއޭ އިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނިކޮށް، ގއ.ދެއްވަދޫ މަސްދޯންޏެއް ކަމަށްވާ “ސަންޓަނާ” ދޯނިން ވާދޫ އަށް ރޯމަސް ހަދިޔާ ކުރުމުން، އެކަމަށް ޝުކުރު ދަންނަވަމުންނެވެ.
އެގޮތުން ވާދޫ ރައީސް ހަމްބެ ފޭސްބުކް ޕޯސްޓަކަށް ކުރެއްވި ކޮމެންޓެއްގައި ވިދާޅުވީ، ދެއްވަދޫ އިން ވާދޫ ރައްޔިތުންނަށް ރޯމަސް ހަދިޔާ ކޮށްދިނުމަކީ، ޒަމާނުއްސުރެ ވާދޫ އާއި ދެއްވަދޫ ރައްޔިތުންގެ އެކުވެރިކަން އަންގައިދޭ ހެއްކެއް ކަމަށެވެ. އަދި އެކަމަށް ވަރަށް އިޚްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވާކަމަށާއި، ކުރިއަށް އޮތްތަނުގައި އެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމުގެ ޔަގީން ކަން އަރުވާ ކަމަށްވެސް ރައީސް ހަމްބެ ގެ ކޮމެންޓުގައި ބުނެފައިވެއެވެ.
ދެއްވަދޫ މަސް ދޯންޏަކުން ގިނަ އަދަދެއްގެ ކަނޑުމަސް ވާދޫއަށް ހަދިޔާކޮށްފި
ވާދޫ ގެ ކޮވިޑް ކޭސްތަކަށް ބަލާލާއިރު މިވަގުތު އެރަށުގައި 54 މީހަކު ކޮވިޑަށް ފައްސިވެ، 50 ވަރަކަށް ގެ ވަނީ ކަރަންޓީނުު ކުރެވިފައެވެ. ވާދޫގެ އިތުރުން ގދ.ތިނަދޫ އަދި ގދ.ރަތަފަންދޫ ގައިވެސް ކޮވިޑް-19ގެ ކޭސްތައް ދަނީ ފެންމަތިވަމުންނެވެ. އަދި މިވަގުތު ގދ.ރަތަފަންދޫ ވެސް އަރާފޭބުން މަނާކޮށްފައެވެ.