ފުވައްމުލަކަށް ނިސްބަތްވާ ހައްވާ އުލާ އިބްރާހީމް އަދި ފަރާހު ވަހީދުގެ ތިން ވަނަ ދަރިފުޅު ޔޫނުސް ލަޔަކް ފަރާހު އަކީ ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ހަމުގެ ބައްޔެއް ކަމަށްވާ ހާލެކްއަން އިކްތިއޯސިސް ތަހައްމަލް ކުރަމުން ދާ ކުއްޖެކެވެ.
ނުވަ މަހުގެ ލަޔަކްއަށް ފަރުވާ ހޯދަން އެދި، އޭނާގެ މަންމަ ހައްވާ އުލާ އިބްރާހިމް ފޭސްބުކްގައި ޕޯސްޓެއް އާންމުކުރީ މީގެ ހަފްތާއެއްހާ ކުރިންނެވެ. އެޔާކު އެތައް ބަޔަކު ދިޔައީ ލަޔަކްއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ލަޔަކްއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ހަރަކާތްތަކެއް ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ދިޔައީ ހިންގަމުންނެވެ. އެގޮތުން ލަޔަކްގެ ފަރުވާއަށް މިހާތަނަށް ވަނީ 1،002،300 ރުފިޔާ ލިބިފަ އެވެ.
ލަޔަކް ގެ އާއިލާގެ ފަރާތުން އެހީތެރިވެދެއްވި އެންމެނަށް ޝުކުރު ދަންނަވަމުން އާއިލާއިން ބުނީ ލަޔަކް ފަރުވާއަށް ތައިލެންޑަށް ދިޔުމަށް ތައްޔާރުވަމުން ދާކަމަށާއި، މިހާރު ވިސާއަށް އެދިފައިވާނެ ކަމަށެވެ. އެގޮތުން ވިސާ ހަމަޖެހުނުހާ އަވަހަކަށް ތައިލެންޑަށް ފުރުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ލަޔަކް ގެ އާއިލާ އިން ބުންޏެވެ.
ލަޔަކް އަށް ޖެހިފައި ހުރި ބަލި ޖެހޭ ކުދިންގެ ހަށިގަނޑުގައި ފަޅައިގެންދާ ފަދަ ތޮށިގަނޑަކުން ހުރެ އެވެ. މޫނުގެ ސިފަތައް ބަދަލުކޮށް، ނޭވާލާން އުނދަގޫވެ، އެކި އިންފެކްޝަންތަކުގެ ނުރައްކާ ކުރިމަތިވާ ހާލަތް މެދުވެރިވެ އެވެ.