ސަރުކާރާއި އެމްޑީޕީ މަޖިލިސް މެމްބަރުން އަދި އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން، އިދިކޮޅު ކޯލިޝަނުން ހިންގަމުންދާ ހަރަކާތްތައް ވަރުގަދަ ވުމުން އެކަމާ ބިރުން އުޅޭހެން ހީވާން ފަށައިފިއެވެ. އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތުމަށް ފަހު އިދިކޮޅުން މިހާރު އެންމެ ގަދައަށް ހިންގަމުންދާ ހަރަކާތް ކަމަށްވާ “އިންޑިއާ މިލިޓަރީ އައުޓް” ހަރަކާތަށް އިތުރު ހިތްވަރެއް ލިބި އެހަރަކާތް ފުޅާ ކުރުމުގެ ގޮތުން މިހާރު މިވަނީ މާލޭގެ އިތުރުން އެހެން ރަށްރަށުގައިވެސް ހަރަކާތްތައް ވަރުގަދަ ކޮށްފައެވެ.
ރައީސް ޔާމީން މިނިވަންވުމަށްފަހު އެންމެ ފުރަތަމަ ބޭއްވި ބޮޑު ޖަަލްސާގައި ރައީސް ޔާމީނަށް ސަޕޯޓުކުރާ މީހުންނާއި، މިސަރުކާރަށް ތާއީދު ނުކުރާ މީހުން ވަނީ ބޮޑު މަންޒަރެއް ދައްކާލާފައެވެ. ނަމަވެސް ދެން ޖެހިގެން އިދިކޮޅުން ބާއްވަން އުޅުނު “ކޮތަރުކޮށި” ޖަލްސާ އަށް ސަރުކާރުގެ ނުފޫޒު ފޯރުވައިގެން ވަނީ ހުއްޓުވާފައެވެ. އެކަމާ ހުރެ ސަރުކާރާއި އިދިކޮޅު މެޖޯރިޓީ އޮންނަ މާލެސިޓީ ކައުންސިލްވެސް ވަނީ ކޯޅެން ފަށާފައެވެ. އެކަކަށް ދޫކޮށްލަން އަނެކަކު ބޭނުމެއް ނުވެއެވެ. އާރާއި ބާރުގެ ބޭނުން އަނެކާ ބަލިކޮށްލުމަށް ކޮންމެ މީހަކު ވެސް ހިފަމުން ގެންދަނީ އެއީ ތިމާގެ އަމިއްލަ މުދާ ކަމަށް ހީކޮށެވެ.
އިދިކޮޅު ހަރަކާތްތަކާ ގުޅިގެން މިއަދު ކުއްލިއަކަށް ރައީސް ނަޝީދު ކުރެއްވި ޓުވީޓަކަށް ފަހު ދެން އެމްޑީޕީ މަޖިލިސް މެމްބަރުންނާއި އަދި އެހެނިހެން އިސް ބައެއް ބޭފުޅުން މިވަނީ ޓުވިޓާއަށް ރަގަޅަށް ވަދެފައެވެ. ކޮންމެ މީހަކުވެސް އިދިކޮޅުން ގެންދާ ހަރަކާތްތަކަށް ކޮންމެވެސް ގޮތަކުން އެއްޗެއް ކިޔާލާ ޓުވީޓެއް ކޮށްލާތަން ފެނިގެން ދިޔައެވެ.
ސުވާލަކީ، އިދިކޮޅުން ކުރަމުންގެންދާ އިންޑިއާ އައުޓް ހަރަކާތް މިސަރުކާރަށް ނުހުއްޓުވޭތީ ބޭރުގެ ފަރާތަކުން ސަރުކާރަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަންތައްތަކެއް ހިނގައި ދިޔައީތޯއެވެ! ނޫނީ، އެކުވެރި އިންޑިއާއިން ސަރުކާރަށް ޕްރެޝަރު ކުރަން ފެށީހެއްޔެވެ!
ކޮންމެއަކަސް އިދިކޮޅުން ކުރަމުން ގެންދާ ހަރަކާތްތަކަށް ހުއްޓުމެއް އަންނަތަނެއް ނުފެނެއެވެ. ދުވަހެއް ދުވަހަކަށް ހަރަކާތުގެ ކުލަ ގަދަވެ، އިތުރު ހިތްވަރަކާއެކު ގިނަ ބަޔަކު ނުކުންނަ މަންޒަރު މިދަނީ ފެންނަމުންނެވެ. މިކަމުގެ ސަބަބުން އެހަރަކާތްތައް ހުއްޓުވުމަށް ފުލުހުން ވެސް ނެރެން ފެށީއެވެ. ހަގީގަތެެއް ނޭނގެއެވެ. ދެކޮޅުން ދައްކަނީ ދެވާހަކައެކެވެ. ހަރަކާތުގެ ތެރެއިން ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެއްބަޔަކު ބުނަމުންދާއިރު އަނެއްބަޔަކު ބުނަމުންދަނީ ސަރުކާރަށް ހަޖަމް ނުވެގެން ދޮގު ތުހުމަތު ތަކެއް އަޅުވައި ހަރަކާތް ކުރިއަށް ގެންދަން ހުރަސް އަޅަނީ ކަމަށެވެ.
އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. އެއްވުމެއް ރޫޅާލަން ޖެހޭ ސަބަބެއް ނެތެވެ. އިދިކޮޅުގައި އެވަގުތަކު ތިބޭ ބަޔަކު ސަރުކާރާ ދެކޮޅަށް ކަންތައްތައް ކުރާނެ ކަން އެންމެންވެސް ދަނެއެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމުގެ ގޮތުން އެފުރުސަތު ފަހިކޮށްދޭން ޖެހެއެވެ. ގަދަބާރުން ކަންތައް ކުރަން ހަދައިގެން އަތަށް ނުގޮވިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.
ހަމަ ރަގަލަށްވެސް ޕުރެޝަރަށް ގޮއްސި
އެއްވާން ހައްޖަށްދޭ! އާންމުންނަށް ފިނިބުރެއް ޖަހާލާ ވިޔަފާރި ކުރެވެންވެސް ނެތް
އިންޑިއާ ސިފައިންނަކަށް މިރާއްޖޭގައި ނުތިބެވޭނެ. މިކަންޖެހޭނީ އަވަސްގޮތަކަށް ނިންމަން. މި އިސްލާމީ ބިމުގައި ތިބެގެން އިންޑިއާސިފައިން އެންމެ ނޭވައެއްލާންވެސް އަޅުގަނޑު ދެކޮޅު.