ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިސްޓް މަންޒިލް ނުވަތަ “ވޯލްޑް ލީޑިން ޑެސްޓިނޭޝަން” އަކަށް މިފަހަރުވެސް ހޮވިފައިވަނީ ދިވެހިރާއްޖެއެވެ.
ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ރާއްޖެއިން ހާސިލްކޮށްފައިވަނީ މިމަހު 16 ވަނަ ދުވަހުގެ ރޭ ވާޗުއަލްކޮށް ބޭއްވުނު ވޯލްޑް ޓްރެވަލް އެވޯޑޮސް 2021 ގެ ހަފްލާގައެވެ. 2019 އަދި 2020 ގައިވެސް މިއެވޯޑް ހާސިލްކޮށްފައިވަނީ ދިވެހިރާއްޖެއެވެ.
ރާއްޖެއިން މިއެވޯޑް ހާސިލްކޮށްފައިވަނީ ދުބާއީ، ސްޕެއިން، ވިއެޓްނާމް، ޔޫއެސްއޭ އަދި ގްރީސް ހިމެނޭހެން 18 މަންޒިލަކާ ވާދަކޮށްގެނެވެ.
ކޮވިޑް-19 ޕެންޑަމިކްތެރޭ ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަކި މަދެއް ނޫނެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުން މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިވަނީ 1.1 މިލޔަނަށް އަރާފައެވެ.
އެހެންކަމުން މިއަހަރުވެސް އެންމެ މަޤްބޫލު ޓޫރިސްޓު ޑެސްޓިނޭޝަނަކީ ރާއްޖެއެވެ.
އެގޮތުން ރާއްޖެއިން މިއަހަރު އެންމެ ފާހަގަކޮށްލެވޭ ރިސޯޓްތަކުގެ ތެރޭގައި ކަގި މޯލްޑިވްސް ސްޕާ އައިލޭންޑް، ސޮނެވާފުށި އަދި ސޮނެވާ ޖެނި، ރަފްލްސް މޯލްޑިވްސް މެރަދޫ، ޕާކް ހަޔާތް މޯލްޑިވްސް ހަޑަހަ އަދި ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓް ހިމެނެއެވެ.