ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އަށް ދީފައިވާއިރު އެޕާޓީގައި ރައްޔިތުންގެ މަޖިލީހުގެ 5 މެމްބަރުން ހިމެނޭކަމަށް އުޝާމް ވިދާޅުވެއްޖެއެވެ.
“މޯލްޑިވްސް ނޭޝަނަލް ޕާޓީ” ޕާޓީ އުފެއްދުމުގެ ހުއްދަ ދެއްވުމުން މެމްބަރު އުޝާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މި ޕާޓީއަކީ މަޖިލީހުގެ 5 މެމްބަރަކު އިސްނަގައިގެން އުފެއްދުމަށް މަސައްކަތް ކުރާ ޕާޓީއެއްކަމަށެވެ.
އެގޮތުން އެޕާޓީގައި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއާއި، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުއާއި، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދުގެ އިތުރުން ތިމަފަރުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހިމެނި ވަޑައިގަންނަވާކަމަށެވެ. އަދި އުންމީދު ކުރައްވަމުންދަނީ ލަސްތަކެއްނުވެ ޕާޓީ ރަޖިސްޓްރީ ކުރުންކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީއަކީ @nazim7878 @MNA_MosTaaA @j4muhsin @riyazabdulla އަދި އަޅުގަނޑު ގުޅިގެން އުފައްދަން މަސައްކަތްކުރަމުންދާ ސިޔާސީ ޕާޓީއެއް. އުއްމީދަކީ މާލަސްތަކެއް ނުވެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ކުރަންޖެހޭ ކަންކަން ކޮށް ނިންމުން. ޝުކުރިއްޔާ @ElectionsMv https://t.co/c0HLvTMDgH
— Ahmed Usham (@a_usham) July 15, 2021
އިތުރު ސިޔާސީ ޕާޓީތަކެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު، ރާއްޖޭގައި މިހާރުވެސް 10 ސިޔާސީ ޕާޓީ އެބައޮތެވެ. ކުރީގެ ހޯމް މިިނިސްޓަރ އަބްދުﷲ ކަމާލުއްދީން ވެސް ގެންދަވަނީ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް އެހެން ޕާޓީއެއްގެ ރަޖިސްޓްރީގައި އޮތުމުން ކަމާލުއްދީނަށް ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިނުވެއެވެ.