ކުޑަކުދިން އިނގިލިކުރީ ލައިގެން ނުކުމެ ބޮޑެތި ގައުމުތަކާ ޖެހިގަންނަން އުޅޭ އުޅުމަކީ، ވަރަށް ނުބައި އަޚުލާގެއް އުގަންނައިދޭން ކުރާ ހުތުރު މަސައްކަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އިންޑިއާ އައުޓް ޓީޝާޓެއް ލައިގެން، ކުޑަކުދިން ތަކެއް ކައިރީގައި ބަހައްޓައިގެން ނަގާފައިވާ ފޮޓީއެއް ޓުވިޓާގައި ޝެއަކޮށް ވައްޑެ ވިދާޅުވީ، ޤަތަރު ފަދަ އިސްލާމީ އުޚުވަތްތެރި ޤައުމުތަކާއި، އަދި ކޮމަންވެލްތް ފަދަ އެހީތެރި ބޮޑެތި ޖަމިއްޔާތަކާ ގުޅުން ކަނޑާލާފައިވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުޑަކުދިން އިނގިލި ކުރީ ލައިގެން ނުކުމެ ބޮޑެތި ޤައުމުތަކާ ޖެހިގަންނަން އުޅޭ އުޅުމަކީ، ވަރަށް ނުބައި އަޚްލާގެއް އެކުދިންނަށް އުނގަންނައިދޭން ކުރަމުންދާ ހުތުރު މަސައްކަތެއް ކަމަށެވެ.
ރައީސް ޔާމީން، މިނިވަންވެ ވަޑައިގެންނެވި ފަހުން އިންޑިއާ އައުޓް ހަރަކާތްތައް އިތުރަށް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައި މީގެ ކުރިންވެސް ވައްޑެ ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ވައްޑެ ވިދާޅުވީ، ކުރީގެ ރައީސަކު މުޅި ގައިގަ އިންޑިއާ އައުޓް ޖަހައިގެން ދިވެހިރާއްޖޭގެ އެންމެ ޒަމާންވީ، އަދި އެންމެ އަވަށްޓެރި ގައުމާ ދެކޮޅުވެރިވެގަތުމުގެ އިންތިޤާމުގެ ހުޅު ރޯކުރުވަން އުޅުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
ވައްޑެގެ އިތުރުން އެމްޑީޕީ އިސްސަފުގައި މަސައްކަތް ކުރާ ގިނަ ބަޔަކު ގެންދަނީ އިންޑިއާ އައުޓް ހަރަކާތްތަކާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައީސް ނަޝީދުވެސް ވަނީ، އިންޑިއާއާ ދިވެހިރާއްޖެއާ އޮންނަ ގުޅުން ދިވެހިންނަށް އޮޅިފައި ނުވާނެ ކަމަށާއި، އެހެން ކަމުން އިންޑިއާ އައުޓް ނުގޮވޭނެ ކަމަށް ބުނެފައެވެ.