ދައުރުން ބޭރުގައި މާދަމާ ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖުލީހުގެ ޖަލްސާގައި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ބައިވެރިވެ ވަޑައިގެން ތަޤުރީރު ކުރެއްވުމާމެދު ގޮތެއް ނިންމަން އެޖެންޑާކޮށްފިއެވެ.
ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ޝެއިޚް ހަސީނާ މަޖިލީހުގައި ތަގުރީރު ކުރައްވަން ފުރަސަތު ދިނުމާ މެދު ގޮތެއް ނިންމަން މަޖުލީހުގެ މެންބަރުންގެ ވޯޓަށް އަހާނެއެވެ.
މާދަމާ ބާއްވަން ހަމަޖެހިފައިވާ ދައުރުން ބޭރުގެ ޖަލްސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން ވަކިކުރުމާއިމެދު ގޮތެއް ނިންމަން ބާއްވާ ޖަލްސާއެކެވެ.
މީގެ ކުރިންވެސް އިންޑިޔާގެ ބޮޑުވަޒީރުކަން ކުރެއްވި ދެބޭފުޅަކަށް ވަނީ މަޖުލީހުގައި ބައިވެރިވެ ތަޤުރީރު ދިނުމުގެ ފުރުސަތު ދެއްވާފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އިންޑިއާގެ އޭރުގެ ބޮޑު ވަޒީރު މަންމޯހަން ސިންގް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މިހާރުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.
މިއަންނަ އަންގާރަ ދުވަހު ޝެއިޚް ހަސީނާ ދެދުވަހުގެ ދަތުރުފުޅަކަށް ރާއްޖެ ވަޑައިގެންނެވުމުން ރާއްޖޭގައި ޤަވައިދާ ޚިލާފަށް ތިބި ބިދޭސީންގެ މައްސަލައާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ނިންމާފައެވެ.