އެމްޕީއެލް އިން ހިންގަމުން އަންނަ މާލޭ ޓީޖެޓީ އާއި ހަވާލުވާން މާލޭ ސިޓީ ކައުންސިލުން ދެންމެ އެސަރަހައްދަށް ހިނގައްޖެއެވެ.
ޓީޖެޓީއާ ހަވާލުވުމަށް އެސަރަހައްދަށް ގޮސްތިބިތަން ފޮޓޯއެއް ނަގައި ސިޓީކައުންސިލުން ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވީ. މާލެ ޓީޖެޓީ އެކައުންސިލާއި ހަވާލު ކުރުމަށް އެމްޕީއެލްއަށް ދީފައިވާ މުއްދަތު ހަމަވެފައިވާތީ ޓީޖެޓީއާއި ހަވާލުވުމަށް ސިޓީ ކައުންސިލުން އެސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުންވަނީ، ޓީޖެޓީ ކައުންސިލާއި ހަވާލުކުރުމަށް އެމްޕީއެލްއަށް 97 ދުވަހުގެ މުއްދަތެއް ދީފައެެވެ. އެހެންނަމަވެސް މިމަހުގެ 18 ވަނަ ދުވަހު މުއްދަތު ހަމަވެފައިވާއިރުވެސް ސިޓީ ކައުންސިލާއި ޓީޖެޓީ ހަވާލުކޮށްފައިނުވާތީ އެކައުންސިލުން މިއަދު އެސަރަހައްދަށް ގޮސް މިހާރު ގެންދަނީ ޖެޓީއާ ހަވާލުވުމަށް ކުރަން ޖެހޭ ކަންތައްތައް ކުރަމުންނެވެ.
ޓީޖެޓީއާ ހަވާލުވުމަށް ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވެސް ވަނީ އެސަރަހައްދަށް ވަޑައިގެން ހަވާލުވުމުގެ މަސައްކަތް ކުރައްވަމުންނެވެ.