އުމުރުން 50 އަހަރުވީ ފިރިހެނެއްގެ ކިޑްނީއިން 156 ހިލަކޮޅު ނަގައިފިއެވެ.
އިންޑިޔާގެ ހައިދަރުއާބާދުގައި ހުންނަ ކިޑްނީއަށް ފަރުވާ ދޭ ޕްރީތީ ޔޫރޮލޮޖީ އެންޑް ކިޑްނީ ހޮސްޕިޓަލް އިން ނެރުނު ބަޔާނެއްގައި ބުނާގޮތުން މިދިޔަ ބުރާސްފަތި ދުވަހު ފިރިހެނެއްގެ ކިޑްނީއިން 156 ހިލަކޮޅު ނަގާފައިވާ ކަމަށާއި އެހޮސްޕިޓަލުން މިހާތަނަށް އެހާގިނަ ހިލަކޮޅު މީހެއްގެ ގައިން ނަގާފައި ނުވާ ކަމަށެވެ. އަދި ބަނޑު ފަޅާލައިގެން ބޮޑު ސާޖަރީއެއް ހެދުމުގެ ބަދަލުގައި މި މީހާގެ ހިލަތައް ނަގާފައިވަނީ އެންޑޮސްކޮޕީ އާއި ލެޕެރެސްކޮޕި ބޭނުންކޮށްގެން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ކަރްނާޓަކާގެ ހުބްލީގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާ މިމީހާގެ ބަޑަށް ކުއްލިއަކަށް އެރި ތަދެއްގެ ސަބަބުން ޑޮކްޓަރަށް ދެއްކުމުން ކިޑްނީގެ ސްކޭނެއް ހެދުމުން ކިޑްނީގައި ގިނަ އަދަދެއްގެ ހިލަ ހުރިކަމަށް ވަނީ ފާހަގަކުރެވިފައެވެ.
ހޮސްޕިޓަލުން ފާހަގަކުރި ގޮތުގައި އާންމުކޮށް މީހުންގެ ކިޑްނީ ހުންނަނީ ޔޫރިނަރީ ޓްރެކްޓްގައެވެ. ނަމަވެސް މިމީހާގެ ކިޑްނީ އިނީ ބަނޑާ ކައިރީގަ އެވެ. މިއީ އާއްމުކޮށް މީހުންގެ ކިޑްނީ އިންނަތަނެއް ނޫނެވެ.
އެހެންކަމުން ކިޑްނީގައި ހުރި ހިލަތައް ނަގަން ދަތިތަކާ ކުރިމަތިލާންޖެހުނުކަމަށް ޑޮކްޓަރާ ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
ޑޮކްޓަރުން ބުނާގޮތުގައި އިންސާނެއްގެ ކިޑްނީގައި މިހާގިނަ ހިލަތައް އުފެދޭން ދެއަހަރެއްހާ ދުވަސް ނަގާނެއެވެ. ނަމަވެސް މީގެ އެއްވެސް އުދަގުލެއް ބަލިމީހާއަށް ދިމާވެފައި ނެތްކަމަށާއި ކުއްލިއަކަށް ބަޑަށް ތަދުވާން ފެށުމުން ދައްކަން ދިޔަކަމަށް ހޮސްޕިޓަލުގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.
އެމީހާގެ ކިޑްނީގައި ހުރި ހުރިހާ ހިލަ ނަގައި ސާފުކުރުމުގައި ޑޮކްޓަރުން ވަނީ ކާމިޔާބު ހޯދާފައި ކަމަށާއި މި މީހާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.