ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުވަދު އަތޮޅުގައި ހުއްޓާ ހައްޔަރުކޮށްފިއެވެ.
ޖާބިރު ހައްޔަރުކޮށްފައިވަނީ ކޮން ސަބަބަކާހުރެ ކަމެއް އެއްވެސް އިދާރައަކުން ހާމަކޮށްފައި ނުވާއިރު، ރައްޔިތުންގެ މަޖިލީހުން ވަނީ ފުލުހުން ޖާބިރު ހައްޔަރު ކޮށްފައިވާކަން މަޖިލީހަށް އަންގާފައިވާ ކަމަށް ކަށަވަރުކޮށްދިފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ޖާބިރު ހައްޔަރުކޮށްފައިވަނީ، ހުވަދު އަތޮޅުގެ ފަޅުރަށެއްގައި ހުންނަވަނިކޮށް ކަމުގައި ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ، އޭނާ ކޯޓަށް ހާޒިރުކުރުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
މީގެ ދެދުވަހެއް ކުރިން ގާތްގަނޑަކަށް 4 ވަރަކަށް ދުވަހު ޖާބިރު ހުންނެވީ ތިނަދޫގައެވެ. ނަމަވެސް ތިނަދޫއަށް ޖާބިރު ގޮސްފައިވަނީ ކޮން ސަބަބަކާހުރެ ކަމެއް އެނގިފައެއްނުވެއެވެ.