ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އީސީން ވިދާޅުވި ގޮތުގައި ކޮމަންޑޫ ދާއިރާގެ ވޯޓާސް ލިސްޓު އެކޮމިޝަނުގެ ވެބްސައިޓުންނާއި ސަރުކާރުގެ ގެޒެޓުގައި ފެންނަން ހުންނާނެ ކަމަށެވެ. އަދި އެދާއިރާގައި ހިމެނޭ ރަށްތައް ކަމަށްވާ ށ.ކޮމަންޑޫ، ށ.ފޯކައިދޫ އަދި ށ.މަރޮށި ކައުންސިލް އިދާރާގައި އާންމުކޮށް ފެންނަން ހުންނާނެއެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ޖެހެނީ އަންނަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުން ފެށިގެން އީމެއިލް މެދުވެރިކޮށެވެ. ޝަކުވާ ފޯމު އެކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.
ކޮމަންޑޫ ދާއިރާއަށް ކެންޑިޑޭޓަކު ނެރެން އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީން ވެސް ނިންމާފައިވެއެވެ. މި ޕާޓީތަކުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން އެތެރޭގެ ޕްރައިމަރީއެއް މި މަސް ތެރޭ ބޭއްވިގެން ދާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރ ހުސައިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުން އެދާއިރާގެ ބައި އިލެކްޝަނަށް މިވަނީ ހުޅުވާފައެވެ.