ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައި ހުންނެވިއިރު އެމަނިކުފާނަށް ދައުލަތުން ދޭންޖެހޭ އިނާޔަތް ދިނުމާމެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
2019 ވަނަ އަހަރު ޔާމީން ފަސް އަހަރަށް ޖަލަށް ލާން ހުކުމްކޮށް ފަސް މިލިޔަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުލަތުން އެމަނިކުފާނުގެ މައްޗަށް ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ.
އެހެންނަމަވެސް މިދިޔަ ނޮވެމްބަރމަހު 30 ވަނަ ދުވަހު ސްޕްރީމް ކޯޓުން ވަނީ ޔާމީން މިނިވަންކޮށްފައެވެ. ޔާމީން ބަންދުގައި ހުރި ދުވަސްތަކުގައި އެމަނިކުފާނަށް ދައުލަތުން ދޭންޖެހޭ އިނާޔަތަށްވާ ފައިސާ ދިނުމަށް އެދި އެމަނިކުފާނުގެ ފަރާތުން ވަނީ ފިނޭންސަށް ހުށަހަޅާފައެވެ.
ފިނޭންސް މިނިސްޓްރީގެ މީޑިއާ އެކްޒެކްޓިވް މުހައްމަދު ޝަނޫން ވިދާޅުވީ ޔާމީންގެ ވަކީލުން އެމަނިކުފާނުގެ ބަންދުގެ މުއްދަތުގައި ދޭންޖެހޭ އިނާޔަތް ހޯދުމަށް އެދި ހުށަހަޅާފައިވާ ކަމަށާއި ވަކީލުން ހުށަހަޅާފައިވާ ސިޓީއާ މެދު އަދި މިހާތަނަށް އެއްވެސް ގޮތެއް ނިންމާފައިނުވާ ކަމަށެވެ. އަދި އިނާޔަތްތައް ދިނުމާ މެދު ގޮތެއް ނިންމޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ޝަނޫން ވިދާޅުވިއެވެ.
ކުރީގެ ރައީސުންނަށް އިނާޔަތުގެ ގޮތުގައި މަހަކު ޖުމްލަ 300،000ރ. ލިބިވަޑައިގަންނަވާނެއެވެ. އެއީ ކުރީގެ ރައީސެއްގެ ގޮތުން އިނާޔަތުގެ ގޮތުގައި 50،000ރ. އާއި ދިރިއުޅުއްވާ ތަނުގެ ހަރަދަށް މަހަކު 50،000ރ. އާއި އޮފީސް ހިންގުމުގެ ހަރަދަށް 175،000ރ. އާއިބޭސްފަރުވާގެ ހަރަދަށް މަހަކު 58،333ރ. އެވެ.
ސްޕްރީމްކޯޓުން ޔާމީން މިނިވަން ކުރިނަމަވެސް ޔާމީނަށް ތުހުމަތުކޮށް، މަނީ ލޯންޑްރިންގެ ދެ މައްސަލައެއް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އެހެންކަމުން މިމައްސަލަ ވަކިގޮތަކަށް ނިންމަންދެން ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ފުލުހުން އެދުމުން ކްރިމިނަލް ކޯޓުން ވަނީ ފުލުހުންނަށް އެ އަމުރު ދީފައެވެ.