ޚަބަރު
!ވިހި ސްޓިކާއާއެކު ލައިސަންސް ބާތިލް

ސައިކަލު ގަވާއިދާއި ހިލާފަށް ޕާކުކޮށްގެން 20 ސްޓިކާ ޖަހައިފިނަމަ އެ ސައިކަލްގެ ވެރިފަރާތުގެ ލައިސަންސް ބާތިލުވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރާ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

އަލަށް ގެޒެޓް ކޮށްފައިވާ މި ގަވާއިދުގެ ދަށުން ކޮންމެ ލައިސަންސަކަށް 100 ޕޮއިންޓު އިންނާނެއެވެ. ސްޓިކާޖެހޭ ކޮންމެ ފހަރަކު 5 ޕޮއިންޓު އުނިވެގެންދާނެއެވެ. އަދި ވަންވޭއާ އިދިކޮޅަށް ދުއްވުމާއި ޓްރެފިކް ލައިޓާ ޚިލާފަށް ދެ ފަހަރަށް ވުރެ އިތުރަށް ދުއްވައިފި ނަމަ، ކޮންމެ ފަހަރަކު 10 ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެެއެވެ. ކޮންމެ ލައިސެންސެއްގެ ސަތޭކަ ޕޮއިންޓު ހުސްވުމުން އެމީހެއްގެ ލައިސަންސް ބާތިލުވާނެއެވެ.

މީގެ އިތުރުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ އުޅަނދު ދުއްވި މީހާގެ ލައިސަންސުން 75 ޕޮއިންޓް ކްރެޑިޓް އުނިވާނެ ކަމަށާއި ފަރުވާކުޑަކޮށްއުޅަނދު ދުއްވުުމުގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ އުޅަނދު ދުއްވި މީހާގެ ލައިސަންސުން 50 ޕޮއިންޓް އުނިވާނެ އެވެ.

ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވުމުގެ ކުށް ދެ ފަހަރު ތަކުރާރުކޮށްފި ނަމަ، 48 ގަޑިއިރަށް ލައިސަންސް ހިފެހެއްޓޭ ގޮތަށް ވެސް އެ ގަވާއިދަށް ބަދަލް ގެނެސްފައިވެއެވެ. އެކްސިޑެންޓްގެ މައްސަލަތަކުގައި ތަހުގީގުގެ ބޭނުމަށް ހަފްތާއަކަށް  ލައިސަންސް ހިފެހެއްޓޭނެ ކަމަށް ވެސް އާ ގަވާއިދު ބުނެއެވެ.

އެ ގަވާއިދުގައިވާ ގޮތުުން ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވާ މީހުންނާއި އެ އުޅަނދެއްގެ ވެރިފަރާތް ވެސް ޖޫރިމަނާ ކުރެވޭނެ ކަމަށް އާ ގަވާއިދުގައިވެއެވެ. އަދި ލައިސަންސް ނެތި ދުއްވާ އުޅަނދުތައް ވެސް 15 ދުވަހަށް ހިފެހެއްޓޭނެއެވެ.

މި ގޮތަށް ޕޮއިންޓު ހުސްވެ ލައިސެންސް ބާތިލުވެއްޖެ ނަމަ ދެން ލައިސަންސް ނެގޭނީ 180 ދުވަސް ފަހުންނެވެ. އަދި ލައިސަންސް ނެގުމަށްޓަކައި ހުރިހާ ޓެސްޓަކުން ފާސްވާން ޖެހޭނެއެވެ.