ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ސްކޮޑަކުން ގަން ސެލިއުޓެއް މިއަދު އަރުވައިފިއެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ދިވެހި ސިފައިންގެ އަންހެން ސްކޮޑަކުން ވަނީ 21 ބަޑީގެ ސެލިއުޓެއް އަރުވާފައެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތަފާތުކުރުންތައް ނައްތާލާ މިސަރުކާރުން އިސްކަމެއް ދޭ ކަމަށާއި ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ސިފައިން ގަންސެލިއުޓެއް ދީފައިވާ ކަމަށެވެ.
True to HEP @ibusolih’s policy to promote gender equality in #Maldives, proud moment and a sense of achievement to all Maldivian women , as the #AllWomenGunSquad @MNDF_Official 🙏 makes history by giving the #21GunSalute to the visiting Hon PM of Bangladesh HE Sheik Haseena 🇧🇩🇲🇻 pic.twitter.com/J9LEVwNcxv
— Mariya Didi 🎈 (@MariyaDidi) December 23, 2021
މާރިޔާ ވިދާޅުވި ގޮތުގައި ސިފައިންގެ ވަޒީފާއަށް އަންހެން ސިފައިން ހޯދުމަކީ އަދިވެސް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށާއި އެހެންނަމަވެސް ސަރުކާރުގެ ވަޒީފާތަކަށް އަންހެނުން އިސްކޮށް ބާރުވެރިކުރުމަށް ސަރުކާރުންވެސް އަހަންމިއްޔަތުކަމެއް ދޭ ކަމަށެވެ.
މާރިޔާ ވިދާޅުވި ގޮތުގައި ސިފައިން އެކި ރޭންކުތަކުގެ 14 އަންހެން އޮފިސަރުންގެ ސްކޮޑުގެ ކޮމާންޑަރަކަށް ހުންނެވީ ކެޕްޓަން ފާތިމަތު އިސްމާއިލްއެވެ.
މީގެއިތުރުން މިދިޔަ އަހަރުގެ މަޖިލީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު މަޖިލިހަށް ވަޑައިގެންނެވި ގަޑީގައި އެމްއެންޑީއެފްގެ ފަރާތުން އެމަނިކުފާނަށް އެރުވި އޮނާ ގާޑުގައިވެސް އަންހެން ސިފައިންގެ ކަނބަލެއް ވަނީ ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެންފައެވެ.