ހިޔާ ފްލެޓްތަކުގެ ކުލި ނެގުން އިތުރު ތިން މަހަށް ފަސްކޮށްފިއެވެ. މި ނިންމެވުން އިއުލާނު ކުރެއްވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މި ނިންމެވުން އިއުލާނު ކުރައްވަމުން، ރައީސް ވިދާޅުވީ ދަޢުލަތުން އަބަދުވެސް މަސައްކަތް ކުރައްވަމުންދަނީ އެ ދަޢުލަތެއްގައި ޝާމިލްވާ އެންމެންގެ އަޑު އަހާ، އެންމެންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށްކަމަށެވެ. އަދި ރައްޔިތުން އެދޭ އެދުންތަކަށް އިޖާބަ ދިނުމަށްކަމަށެވެ.
ހިޔާ ފްލެޓްތައް ހަވާލުކޮށްފައިވަނީ ފްލެޓްގެ ފިނިޝިންގް މަސައްކަތްތައް ނުނިންމައެވެ. މީގެތެރޭގައި ގޭގޭގައި މުށިޖެހުމާއި، ދޮރުތައް ހަރުކުރުމާއި، ކަރަންޓު ސާމާނު ހަރުކުރުންފަދަ މަސަކަތްތައް ހިމެނެއެވެ. ފިނިޝިންގް މަސައްކަތްތައް ނިންމުމަށް ފުރަތަމަ ދިނީ 3 މަސްދުވަހުގެ މުއްދަތެކެވެ. މި 3 މަސް ދުވަހުގެ މުއްދަތުގައި ކުލި ނުނެގުމަށް ސަރުކާރުން އޭރު ނިންމިއެވެ. ކަނޑައެޅި ތާރީޚަށްވުރެ ފްލެޓްތައް ހަވާލުކުރުން ލަސްވުމާއި، އަދި ފިނިޝިންގ މަސައްކަތްތަކަށް އިތުރު މުއްދަތު ބޭނުންވާތީ، މި މުއްދަތު ރައީސުލްޖުމްހޫރިއްޔާ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރުކޮށްދެއްވިއެވެ.
މިހާތަނަށްވެސް ހިޔާގެ ގިނަ ފްލެޓްތަކެއްގެ ފިނިޝިންގ މަސައްކަތް ނިމިފައި ނުވާތީ، މި މުއްދަތު އިތުރު 3 މަސް ދުވަހަށް އިތުރުކޮށްދެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މިހާރު މިވަނީ އިޢުލާންކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ އަޑު އަހާ ރައްޔިތުން އެދޭގޮތަށް ކަންކަން ފުރިހަމަކޮށްދެއްވުމަށްކަމަށެވެ. މި ނިންމުމަކީ މި ސިޔާސަތުގެ ދަށުން ހިޔާގެ ރަށްވެހިންގެ އަޑު އަހާ، ހިޔާ ފްލެޓަށް ބަދަލުވާ މީހުންނަށް ދަތިތައް ޙައްލުކޮށްދެއްވުމަށް ނިންމި ނިންމުމެއްކަމަށެވެ.
މިދިޔަ ސަރުކާރުގައި އަޅަން ފެށި ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމާ، އެތަނުގައި މީހުން ދިރިއުޅެން ފަށާފައިވަނީ މިދިޔަ އޮގަސްޓްމަހުން ފެށިގެންނެވެ. މިހާތަނަށް 5000 އަށްވުރެ ގިނަ އާއިލާވަނީ ހިޔާ ފްލެޓަށް ބަދަލުވެފައެވެ.