ގދ.ތިނަދޫގައި ހުރި މައްސަލަތަކާއި ބެހޭ ގޮތުން ކައުންސިލާއި މިނިސްޓަރ އޮފް ޕްލޭނިންގ، ހައުންސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުހައްމަދު އަސްލަމް އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރި މަސައްލަތަކުގެ ތެރޭގައި ޖެޓީ ކައިރިން ބިންގަނޑު ދަމާ މައްސަލަ، ތިނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ހިންގާފައިވާ ޕްރޮޖެކްޓުގައި ހުރި މައްސަލަތަކާއި އަލަށް ހިއްކި ސަރަހައްދު ގިރާ މައްސަލަ، ރަށުގެ ބޭރުތޮށި ނުލާ އޮތުމުން އުދައެރުމުން ރަށަށް ގެއްލުންވާ މައްސަލައިގެ އިތުރުން އިސްލާމިކް މަރުކަޒުގެ މިހާރުގެ ހާލަތާއި އެތަނުގެ ކަރާމާތު މަސައްކަތާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
މީގެ އިތުރުން ތިނަދޫގެ ކުޅި ހިމާޔަތްކޮށް ތިނަދޫގައި ނޭޗާ ޕާކެއް ތަރައްޤީކުރުމާއި، އިޔާދަކުރުވަނިވި ހަކަތައިގެ މަޝްރޫޢާ ގުޅިގެން މިސްކިތްތަކުގެ ފުރާޅަށް ގެއްލުން ލިބޭތީ އެކަން ހައްލުކުރުމަށް މިހާރު ރޭޥިފައި އޮތް މަޝްރޫޢު މިނިސްޓަރާއި ހިއްސާކުރެވުނެވެ.
ތިނަދޫއަށް ދިމާވެފައިވެފައި މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު މިނިސްޓަރ އަސްލަމް ވިދާޅުވީ މިމައްސަލަތަކަށް އެދެވޭ ހައްލެއް ހޯދައިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އަންނަ އަހަރަށް ޕްލޭންކޮށްފައިވާ ކަންތައްތައް ކައުންސިލާއި ހިއްސާކޮށްލިއެވެ. އެގޮތުން މިނިސްޓަރ އަސްލަމް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި:
- އަލަށް ހިއްކި ސަރަހައްދު ގިރާ މައްސަލަ އަދި ރިވެޓްމެންޓް ތިރި މައްސަލަ ކައުންސިލުން އެދޭ ގޮތަށް ހައްލުކޮށްދޭނެކަން
- ޖެޓީ ކައިރިން ބިންގަނޑު އަޑިޔަށް ދާ މައްސަލަ އެމް.ޓީ.ސީ.ސީ މެދުވެރިކޮށް ހައްލުކޮށްދޭން މަސައްކަތްކޮށްދޭނެކަން
- ކައުންސިލް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެގުމާއެކު ތިނަދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަންނަ އަހަރު ފައްޓާނެކަން.
- ބޭރުތޮށި ލުމާއި އިންޑަސްޓްރިއަލް ވިލެޖް ހިއްކުން އަދި ދެކުނު ފަރާތުގެ ރިވެޓްމެންޓް މަސައްކަތް ކައުންސިލުން އެދޭގޮތަށް އަންނަ އަހަރު މަސައްކަތް ފެއްޓުން
- އިސްލާމިކް މަރުކަޒުގައި ހުރި ކަރާމާތު މަސައްކަތް އެމް.ޓީ.ސީ.ސީއާއެކު އެގްރީމެންޓެއް ހަދައި އަންނަ އަހަރު މަސައްކަތް ފެއްޓުން
- ކައުންސިލުން އެދޭގޮތަށް ފަޅުތެރޭގައި ތިލަތަންތަން ނަގައި ދޯނިތައް ބީހޭ މައްސަލަ ހައްލުކުރުން ހިމެނެއެވެ.