2022 ވަނަ އަހަރު ކުރީކޮޅުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ ފުލުހުންގެ އިމާރާތް ނިންމައި ހިދުމަތްދޭން ފެށޭވަރުވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެކިކަހަލަ ކުށްތައް ގިނަވަމުންދާތީ ކުށްމަދުކުރުމަށް މިހާރުވެސް ފްލެޓް އިމާރާތެއްގައި ރައްޔިތުންނަށް ޚިދުމަތް ދެމުންދާ ކަމަށާއި އަންނަ އަހަރު ކުރީކޮޅުގައި ޕޮލިސް ސްޓޭޝަންއެއް އެތާނގައި ޤާއިމުވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށްޓަކައި އަޅާ ޕޮލިސް ސްޓޭޝަން އިމާރާތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދާ ކަމަށާއި ޕޮލިސް ސްޓޭޝަން ޤާއިމުކުރެވުމުން ފުލުހުންދޭ ހުރިހާ ހިދުމަތެއް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ގާތުން ފަހިވެގެންދާއިރު، އެކަށީގެންވާ އަދަދަށް ފުލުހުންވެސް ހަމަޖެހިގެންދާނެ ކަމަށް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ އެސަރަހައްދަކީ ގިނަބަޔަކު މަސައްކަތް ކުރަމުންދާ ސަރަހައްދަކަށް ވުމާއެކު ރައްޔިތުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި ސިލްސިލާކޮށް ހިންގަމުންދާ ކަމަށެވެ. އަދި ކުށް މަދުކުރުމުގެ ގޮތުން މުޅި ސަރަހައްދު ޕެޓްރޯލްކޮށް ފުލުހުން ގެންދަނީ ބަލަހައްޓަމުންނެވެ.