ތިނަދޫ އުތުރު ފަރާތުން އަލަށް ހިއްކި ސަރަހައްދުގައި ތޮށި ލުމަށް ބޭނުން ކުރަން ގެނެސްފައިވާ ހިލަތައް ރަށުން ބޭރު ކުރަން އުޅޭ ކަމުގެ އަޑުތަކެއް އެރުމުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މިހިލަތައް ރަށުން ބޭރު ކުރުމުގެ ވާހަކަތައް މިހާރު މީސްމީޑިއާގައި ދެކެވޭ އިރު، ހިލަތައް އެހެން ބަޔަކަށް ވިއްކަން އުޅޭ ކަމުގެ ވާހަކަތަކެއް ވަނީ ސޯޝަލް މީޑިއާގައި ދެކެވިފައެވެ.
މިކަމާ ގުޅިގެން” ހުވަދޫ ނިއުސް” އިން ތިނަދޫ ކައުންސިލްގެ ބަހެއް ހޯދަން ގުޅުމުން ކައުންސިލް ގެ ރައީސް ވެސް ވަނީ އެފަދަ ވާހަކަ ތަކެއް ރަށު ތެރޭގައި ދެކެވެމުންދާ ކަމަށާއި ބައެއް ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ހާމަ ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ސައުދު ޢަލީ ވިދާޅުވީ ރަސްމީ ސިފައެއް ގައި އަދި ތިޔަ ފަދަ ކަމެއް އިޝާރާތެއް ލިބިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އެ ހިލަތަކަކީ ތިނަދޫ ގައި ތޮށި ގަނޑެއް ލުމަށް ގެނެސްފައި ވާ އެއްޗެއް ކަމަށާއި އެ މަސައްކަތް އަދި ނުނިމޭ ކަމަށެވެ.
ތިނަދޫ ކައުންސިލް ގެ ރައީސް އިތުރަށް ވިދާޅުވީ އެ ސަރަހައްދުގައި ވީހާވެސް އަވަހަށް އެ ހިލަތަކުން ތޮށިލުމުގެ މަސައްކަތް ކުރައްވާނެކަމަށާއި، ހިލަތައް ނުޖެހި ހުރުމުގެ ސަބަބުން ބައެއް ގިރެމުން ދާކަމަށްވެސް ސަޢުދު ވިދާޅުވިއެވެ.
ތިނަދޫގެ އުތުރު ފަރާތުގައި އަލަށް ހިއްކި އެ ބިމަކީ 51 ހެކްޓަރު ބިމެކެވެ. އެއީ ނިމިދިޔަ ސަރުކާރުން ތިނަދޫގައި ހިންގާފައިވާ ޕްރޮޖެކްޓެކެވެ.