ގދ އަތޮޅު ކައުންސިލް ފޭސް ވޮލީ މުބާރާތުގެ ފުރަތަމަ މެޗު ގދ ފަރެސްމާތޮޑާގެ ފިރިހެން ޓީމުން ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގދ ފަރެސްމާތޮޑާ ޓީމާއި ގދ މަޑަވެލި ޓީމް މިއަދު ހަވީރު 16:30 ގައި ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި ކުޅުނު މެޗު ފަރެސްމާތޮޑާ ފިރިހެން ޓީމުން ކާމިޔާބު ކޮށްފައިވަނީ 3 ސެޓު 0 ސެޓުން ގދ މަޑަވެލި ޓީމް ބަލިކޮށްގެންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފަރެސްމާތޮޑާ ޓީމުގެ ޖަރޒީ ނަންބަރު 14 އާދަމް ނަސީމް އެވެ.
މިމުމާރާތުގެ އެންމެ ފުރަތަމަ މެޗު މިއަދު ހަވީރު ކުޅެފައިވާއިރު މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ، އަންހެން ޑިވިޝަންގެ ގދ މަޑަވެލި އަދި ގދ ފަރެސްމާތޮޑާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 20:00 ގައި ފިޔޯރީ ޔޫތު ސެންޓަރުގެ ވޮލީ ކޯޓުގައެވެ.
މި މުބާރާތުގެ މެޗުތައް އަންހެން ފިރިހެން ދެ ޑިވިޝަން އަށް ބަހާލައިގެން ކުޅެވޭއިރު، ޗެމްޕިއަން ޓީމް އަށް 20،000 (ވިހިހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ރަނަރއަޕް އަށް 10،000 (ދިހަހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ހޮވިގެން ދާއިރު އަތޮޅުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާވެސް ހޮވިގެން ދާނެއެވެ.
“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021” ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އެސްޓިއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.