ޚަބަރު
ތިނަދޫގެ ހުނަރުވެރި ފަންނާނެއްގެ ހުނަރު މުޅި ދުނިޔެއަށް

ތިނަދޫގެ ހުނަރުވެރި ޒުވާން ފަންނާނެއް “ރިމޯޓް ޑްރަމަރ” ގެނަމުން މަޝްހޫރުކަން އަންނަނީ ހޯދަމުންނެވެ.

މިފަންނާނު ވަނީ ވަރަށް އާދަޔާޚިލާފު ތަފާތު މިޔުޒިކީ މަސައްކަތެއް ފުރިހަމަކޮށް، ވަރަށް ގިނަ ފަރާތެއްގެ ސަމާލުކަން ހޯދާފައެވެ. “ރިމޯޓް ޑްރަމަރ” ގެ ނަމުން މާނަ ނެގޭ ފަދައިން، މިފަންނާނު ވަނީ އޮންލައިންކޮށް، ތަފާތު އެކި ޤައުމުތަކުގެ މިޔުޒިކީ ފަންނާނުން ބައިވެރިކޮށްގެން، ވަރަށް ފުރިހަމަ ލަވަލެއްގެ މަސައްކަތް ފުރިހަމަ ކޮށްފައެވެ.

މިހިސާބުން، މިފަންނާނުގެ ވަނަވަރަށް ބަލައިލާނަމެވެ. ތިނަދޫ ފަސްގަނޑަށް އުފަން، ގދ. ތިނަދޫ، ސިލްވަރުގެ، ހަމްދާން އަހުމަދު ފަތުޙީ އަކީ މިޔުޒިކުގެ ދާއިރާއަށް ޚާއްސަ ލޯތްބެއް ހުންނަ ޒުވާނެކެވެ. ފުރިހަމަ ނަން ބުނުމުން ފަހަރެއްގައި ގިނަ ބަޔަކަށް ނޭނގުނު ނަމަވެސް، ގިނަބަޔަކު ދަންނަ، ރައްޓެހިން ބޭނުންކުރާ ނަމުންނަމަ “ހަމްބެ” އަކީ މިޔުޒިކީ ދާއިރާއަށް އާ ނަމެއް ނޫނެވެ.

ސްކޫލް ދުވަސްވަރުން ފެއްޓީގެން ޑްރަމް ކުޅުމަށް ފޯރި ހުންނަ “ހަމްބެ” ވަނީ ދިވެހިންގެ ފަންނުވެރިކަން އާ އުސްމިނަކަށް ގެންގޮސްފައެވެ. ހަމްދާންގެ މިމަސައްކަތާއި ގުޅޭގޮތުން ހުވަދޫ ނޫހުގެ ފަރާތުން މަޢުލޫމާތު ހޯދުމަށްފަހު ކިޔުންތެރިންނާ ހިއްސާކޮށްލަމެވެ.

ހަމްދާން ހުވަދޫ ނޫހަށް މަޢުލޫމާތު ދެއްވިގޮތުގައި، ހަމްދާނުގެ މިލަވަ ކިޔާފައިވަނީ ސްރީލަންކާގެ މަޝްހޫރު ހެވީމެޓަލް ކްއީން ޝެހާރާއެވެ.  މިއީ “ކޯޑް އޮފް ދި އެންޝިއެންޓްސް ރައިޓް- ދަމޯރނިންގ” ނަމަކަށް ކިޔާ އިނގިރޭސި ލަވައެކެވެ. މިލަވައިގެ އެންމެ ޚާއްސަ އެއްކަމަކީ މިލަވައިގެ މިއުޒިކް ހެދުމުގައި އިސްކޮށް އުޅެފައިވަނީ ހަމްދާން އިތުރުން ރާއްޖޭގެ މަޝްހޫރު މިޔުޒިކީ ފަންނާނެއް ކަމުގައިވާ ފަސީ ލައިވްގެ ކުޅަދާނަ ގިޓަރެސްޓް ފަސީ އަށް ވުމެވެ. އިންޑިޔާ، ސްރީލަންކާ، އެމެރިކާ އަދި ދިވެހިރާއްޖޭގެ މިޔުޒިކީ ފަންނާނުންތަކެއް ގުޅިގެން ކޮށްފައިވާ މަސައްކަތަކީ މޮޅު އަދި ފަޚުރުވެރި މަސައްކަތަކެވެ.

ޝެހާރާއާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދިޔަ ހިސާބުން ލަވައިގެ މަސައްކަތް ފެއްޓުނެވެ. މިޔުޒިކްގެ މަސައްކަތަށް، ފަސީ އާއި ހަމްދާން ވާހަދެއްކުމުން، ފަސީ މެލޭޝިޔާގައި “ބޭސްވެފަ” ވީނަމަވެސް މިލަވަޔަށް މަސައްކަތް ކޮށްދޭން އެއްބަސްވިއެވެ. އަދި މިލަވައިގެ މިޔުޒިކް ހެދުމުގައި އިންޑިޔާގެ މިއުޒިކް ފަންނާނެއް ކަމުގައިވާ މޮހިނީ ޑޭ ގެ އެހީތެރިކަން އަދި ދިވެހިރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް، ހަބޭސް ބޮޑުބެރު ގްރޫޕްގެ އެހީތެރިކަންވެސް ހޯދިފައިވާނެކަމަށް ހަމްދާން ބުނުއްވައެވެ.

ތަފާތު ޤައުމުތަކުގެ ފަންނާނުންނާއި އެއްކޮށް މަސައްކަތް ކުރުމާއި ގުޅޭގޮތުން ހަމްދާން ބުނެފައިވަނީ، އެއީ ވަރަށް ތަފާތު ވަރަށް ޕްރޮފެޝަނަލް މަސައްކަތެކެވެ. މީގެ ފަނަރަ އަހަރު ކުރިޔާއި އަޅާބަލާއިރު، ވަރަށް ބޮޑު ކުރިއެރުމެއް މިޔުޒިކް އިންޑަސްޓްރީއަށްވެސް ވަނީ އައިސްފައެވެ. ހަމްދާނު ފާހަގަކޮށްފައިވާ ގޮތުގައި މިޒަމާނުގައި މިޔުޒިކު ކުޅުމަށް، ފަންނާނުން އެއްތަނެއްގައި ތިބުން ކޮންމެހެން މުހިންމެއް ނޫނެވެ. ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ފަންނާނުންނަށް މިޔުޒިކް ކުޅެ، ފައިލް ޝެއަރކޮށް މިއުޒިކް ކޮމްޕޯޒް ކުރެވިދާނެއެވެ. މިކަން ހަމްދާން ވަނީ ސާބިތުކޮށް ދީފައެވެ. ހުނަރުވެރި، މަޝްހޫރު ފަންނާނުންނާއި އެއްކޮށް މަސައްކަތް ކޮށްލުމަށް ލިބުނު މިފުރުޞަތަކީ ވަރަށްވެސް ހިތްހަމަޖެހޭ ރަނގަޅު “އެކްސްޕީރިއެންސެއް” ގޮތުގައި ހަމްދާން ސިފަކުރައްވައެވެ.

ލަވަކިޔުންތެރިޔާ ޝެހާރާ ފާހަގަ ކުރެއްވިގޮތުގައި، މިފަދަ މިޔުޒިކީ މަސައްކަތެއް “ރިމޯޓް”ކޮށް ކުރުމަކީ މި ސިއްޙީ ނުރައްކަލުގެ ހާލަތުގައި އެންމެ ކަމުދާ ރަނގަޅު ގޮތެވެ. ހަމްބެގެ މިމަސައްކަތަށް ސްރީލަންކާގެ ފަންނާނަކު ޚިޔާރުކުރީތީ ވަރަށްބޮޑު ފަޚުރުވެރާކަމުގައި ޝެހާރާ ބުނުއްވައެވެ. ތަފާތު ޤައުމުތަކުގައި ތިބެގެން ރިމޯޓް ކޮށް މަސައްކަތްކޮށް މިލަވައިގެ ޒަރީއާއިން ކޮންމެ ފަންނާނެއްގެ ހުނަރު އެއްކޮށްލައިގެން ޚާއްސަ މެސެޖެއް ނެރެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ޝެހާރާ ސިފަކުރެއްވިއެވެ.

ލަވަކިޔުންތެރިޔާ ހާމަކުރައްވާ ގޮތުގައި މިލަވައިގެ ޒަރީޔާއިން ވަރަށް ޚާއްސަ މެސެޖެއް އަޑުއަހާ ފަރާތްތަކަށް ލިބިގެންދާނެއެވެ. މިލަވައިގެ ޅެމުގައި އެކުލެވިގެންވަނީ އަހަރަމެން އިންސާނުންގެ އަތުން މިދުނިޔެއަށް ދެމުން ގެންދާ ގެއްލުންތަކާއި ގުޅޭގޮތުންނެވެ.

އިތުރަށް ކުރިޔަށް ދާ މިއުޒިކީ މަސައްކަތްތަކާއި ގުޅޭގޮތުން ހަމްދާން ބުނެފައިވަނީ، ތަފާތު މިޔުޒިކް ޕްރޮޖެކްޓްތައް މިހާރުވެސް ކުރިޔަށް ގެންދާކަމުގައެވެ. ހަމްދާނުގެ މިއުޒިކީ އެއް މަސައްކަތް އިއްޔެ (15 ޖުލައި 2021) ގައި ނެރެފައިވާކަމުގައި ހަމްދާން ބުނެއެވެ. ހަމްދާނު ބުނެފައިވާގޮތުން، މިއީވެސް ވަރަށް ތަފާތު އަރަބި، ދިވެހި މިޔުޒިކް ހިމޭނޭގޮތަށް ތައްޔާރުކުރެވިފައިވާ މިޔުޒިކެކެވެ.

ކުރިޔަށް ހުރި މިއުޒިކީ މަސައްކަތްތަކާއި ގުޅޭގޮތުން ޝެހާރާ ބުނުއްވި ގޮތުގައި، ކުރިޔަށް އޮތް ދެތިންމަހެއްގެ ތެރޭގައި އޭނާގެ ވީޑިއޯ ލަވައެއް ނެރުމަށް ތައްޔާރުވަމުން އަންނަކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

Comment