މިމަހުގެ 1 ވަނަ ދުވަހު ގދ ފިޔޯރީގައި ފެށިގެންދިޔަ އަތޮޅުގެ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021” އަންހެން ޑިވިޝަންގެ 4 ވަނަ މެޗުން، މަޑަވެލި ޓީމާއި ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި އެމެޗު ރަތަފަންދޫ އިން ކާމިޔާބު ކޮށްފިއެވެ.
ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީކޯޓުގައި ކުޅުނު މިމެޗު ރަތަފަންދޫ އަންހެން ޓީމުން ކާމިޔާބު ކޮށްފައިވަނީ، 3-1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ފެށިގެން މޮޅު ކުޅުމެއް ދައްކައި ރަތަފަންދޫ ޓީމުން ވަނީ މަޑަވެލި ޓީމުގެ މައްޗަށް ކުރިހޯދައި އެސެޓު ފަސޭހަކަމާއެކު ކާމިޔާބު ކޮށްފައެވެ. އެގޮތުން 25-18 އިން ރަތަފަންދޫއިން ވަނީ އެސެޓު ކާމިޔާބު ކޮށްފައެވެ.
ފުރަތަމަ ސެޓާއި ޚިލާފަށް ދެވަނަ ސެޓު ފެށިގެން މަޑަވެލި ޓީމުންވަނީ ކުޅުން އިތުރަށް ރަގަޅުކޮށް ނަތީޖާ އެއްވަރެއްގައި ހިފެހެއްޓޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް ރަތަފަންދޫ ޓީމުން ވަނީ އެސެޓު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ. އެގޮތުން އެސެޓު ރަތަފަންދޫއިން ކާމިޔާބު ކޮށްފައިވަނީ، 25-10 އިންނެވެ.
ތިންވަނަ ސެޓުންވެސް މޮޅު ކުޅުމެއް ދައްކައި އެސެޓު ރަތަފަންދޫއިން ކާމިޔާބު ކޮށްފައިވަނީ ބޮޑު ތަފާތަކުންނެވެ. އެގޮތުން މެޗުގެ ފަހު ސެޓު ރަތަފަންދޫއިން ކާމިޔާބު ކުރީ 25-10 އިންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ރަތަފަންދޫ ޓީމުގެ ޖަރޒީ ނަންބަރު 10 އައިޝަތު މާޖިދާ އެވެ.
މިމެޗަކީ ރަތަފަންދޫ އަންހެން ޓީމުން މިމުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ރަތަފަންދޫ އަންހެން ޓީމު ފުރަތަމަ ބައްދަލު ކުރީ ފިޔޯރީ އަންހެން ޓީމާއެވެ. ނަމަވެސް އެމެޗުން ރަތަފަންދޫ އަންހެން ޓީމު ވަނީ ބަލިވެފައެވެ.
މިމުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފަހު މެޗުގައި ބައްދަލު ކުރާނީ، މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފިޔޯރީ އަދި ގައްދޫއެވެ. އެމެޗު ކުޅުމަށް ތާވަލު ކޮށްފައިވަނީ 21:30 ގައެވެ.
“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021” ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އެސްޓިއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.