“ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021″ ގެ އަންހެން ޑިވިޝަންގެ 7 ވަނަ މެޗުން، މަޑަވެލި މައްޗަށް ކުރިހޯދައި ފިޔޯރީ އިން މެޗު ކާމިޔާބު ކޮށްފިއެވެ.
ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި މިރޭ ކުޅުނު މެޗުން މަޑަވެލި ބަލިކޮށް ފިޔޯރީއިން މެޗު ކާމިޔާބު ކޮށްފައިވަނީ 3-0 ސެޓުންނެވެ.
ފިޔޯރީ ޓީމުން ވަނީ ފުރަތަމަ ސެޓު ފަސޭހަ ކަމާއިއެކު ކާމިޔާބު ކޮށްފައެވެ. އެ ސެޓު 25-12 ކާމިޔާބު ކޮށްފައިވާއިރު ދެވަނަ ސެޓުވެސް ފިޔޯރީ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓު ނަތީއްޖާއަކީ ފިޔޯރީ 25 އަދި މަޑަވެލި 13 އެވެ.
މަޑަވެލި އަދި ފިޔޯރީ އަންހެން ޓީމު ބައްދަލު ކުރި މެޗުގެ ތެރެއިން— ހުވަދޫ ފޮޓޯ: ހިލްޓަން އާސިފް
މިމެޗުގެ ތިންވަނަ ސެޓުވެސް ފަސޭހަ ކަމާއި އެކު ފިޔޯރީގެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. އަދި ތިންވަނަ ސެޓުގައި މަޑަވެލި ޓީމުން ކުޅުން ރަނގަޅު ކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. އެހެން ނަމަވެސް މަޑަވެލި ޓީމަށް މާބޮޑު ކުރިއެރުމެއް ނުލިބި ފަހު ސެޓު ފިޔޯރީ އިން ކާމިޔާބު ކޮށްފައިވަނީ 25-10 އިންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ފިޔޯރީ ޓީމުގެ ޖަރޒީ ނަންބަރު 2 މަރިޔަމް އަޒީފާ އެވެ.
މަޑަވެލި އަދި ފިޔޯރީ އަންހެން ޓީމު ބައްދަލު ކުރި މެޗުގެ ތެރެއިން— ހުވަދޫ ފޮޓޯ: ހިލްޓަން އާސިފް
ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021″ ގައި މިރޭ ފިރިހެން ޑިވިޝަންގެ މެޗެއް ކުޅުމަށް ވަނީ ހަމަ ޖެހިފައެވެ. އެގޮތުން މިރޭ 9:30 ގައި ގައްދޫ އަދި ރަތަފަންދޫގެފިރިހެން ޓީމު ބައްދަލު ކުރާ މެޗު ވަނީ ތާވަލު ކޮށްފައެވެ.
މި މުބާރާތުގައި މިހާތަނަށް ވަނީ 14 މެޗު ކުޅެފައެވެ. މި މުބާރާތެ ސެމީ ފައިނަލް މި މަހު 8 ވަނަ ދުވަހު އޮންނަ އިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 ވަނަދުވަހުއެވެ.
“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021″ ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމްޕާޓްނަރެއްގެ ގޮތުގައި އެސްޓިއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައިހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.