ދިވެހިރާއްޖެއާއި އިސްރާއީލާއި ގުޅުން ޤާއިމްކުރުމުގެ މަސައްކަތެއް އަދި މަޝްވަރާއެއްވެސް ކުރަމުން ނުދާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިހެން ބުނެފައިމިވަނީ އިޒްރޭލާ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ރާއްޖެ އިން ކުރަމުންދާ ކަމަށް އިޒްރޭލުގެ ނޫހެއް ކަމަށްވާ “ޓައިމްސް އޮފް އިޒްރާއީލް” ގައި ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ނަމަވެސް އެޚަބަރު ދޮގުކޮށް މިރޭ ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖެއާ އިސްރާއީލާއި ގުޅުން ޤާއިމްކުރުމުގެ މަސައްކަތެއް އަދި މަޝްވަރާއެއްވެސް ސަރުކާރުން ކުރަމުން ނުދާކަމަށެވެ.
“ޓައިމްސް އޮފް އިޒްރާއީލް” ގައި ބުނެފައިވާގޮތުން އިޒްރޭލުން ދެން އެންމެ އަވަހަށް ގުޅުން ގާއިމުކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.
އިސްރާއީލާއި އިސްލާމީ ގައުމުތަކާއި އޮންނަ ގުޅުން “ނޯމަލައިޒް” ކުރުމަކީ އެމެރިކާގެ ރައީސް ކަމުގައި ޑޮނަލްޑް ޓްރަމްޕް ހުރިއިރު އޭނާ ފެށި މަސައްކަތެކެވެ. އެމަސައްކަތުގެ ދަށުން ވަރަށް ގިނަ އަރަބި ގައުމުތަކާއި އިސްރާއީލާއި ވަނީ ހާރިޖީ ގުޅުން ބަދަހިކޮށްފައެވެ.
މީގެކުރިން ރާއްޖެއާ އިޒްރޭލާ ދެމެދު ވައިގެ ދަތުރުތައް ފަށަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ފެތުރިފައިވެ އެވެ. ނަމަވެސް އެ ވާހަކަތައް ވެސް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. އަދި 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައުމަށް ފަހު ވެސް ރާއްޖެ އިން އިސްރާއީލާއި ވަރަށް ބޮޑަށް ގުޅުން ބަދަހިކުރިއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ދެގައުމުގެ ގުޅުން ސަސްޕެންޑްކޮށް، އިސްރާއީލްގެ މުދާ ރާއްޖެ އެތެރެ ކުރުން ވެސް މަނާކޮށްފައެވެ.