ޚަބަރު
ނަޑެއްލާއިން ފައްސިވި މާބަނޑު އަންހެނަކު ތިނަދޫ ކޮވިޑް ފެސިލިޓީއަށް ގެނެސްފި

ގދ.ނަޑެއްލާއިން ކޯވިޑް19 އަށް ފައްސިވި މާބަނޑު އަންހެނެއް ތިނަދޫގައި ހުންނަ ކޯވިޑް ފެސިލިޓީ އަށް ގެނެސްފިއެވެ.

ނަޑެއްލާ ކައުންސިލްގެ ރައީސް މުޙައްމަދު އަންޝާއު “ހުވަދޫ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުން އިއްޔެ ފައްސިވި މާބަނޑު އަންހެނަކު ހާލު ދެރަވެ އިތުރު ފަރުވާއަށް ތިނަދޫ އަށް މިރޭ 12 ޖެހި އިރު ފުރުވާލާފައިވާ ކަމަށެވެ. އަދި އެމީހާ ތިނަދޫ ފެސިލިޓީއަށް ފޮނުވާލާފައިވަނީ އެރަށުގައި މިވަގުތު ތިއްބެވި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޓެކްނިކަލް ޓީމުގެ ލަފާގެ މަތީން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އަންޝައު އިތުރަށް ވިދާޅުވީ، ނަޑެއްލާގައި މިވަގުތުވެސް އިތުރު މާބަނޑު އަންހެނެއްވެސް ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި، ކޯވިޑް ގެ އަލާމަތް ކަމަށް ޝައްކު ކުރެވޭތީ 8 ފަރާތަކުން ގުޅުމުން، އެރަށު ސިއްޙީމަރުކަޒުގެ ޓީމުން އެ ފަރާތްތަކުގެ ގެތަކަށް ގޮސް މިވަގުތުވެސް ހަރަކާތްތެރިވަމުން ދާކަމަށް ރައީސް އަންޝައު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް އަންޝައު ވިދާޅުވީ ނަޑެއްލާގެ ޙާލަތު ވަރަށް ގޯސް ކަމަށް ބެލެވޭ ކަމަށާއި، އަދި މިދަނޑިވަޅުގައި އަޅާފައިވާ ފިޔަވަޅުތަކަށް އާންމު ރައްޔިތުން ވަރަށް ރަނގަޅަށް އަމަލު ކުރަމުންދާ ކަމަށްވެސް އަންޝައު ވިދާޅުވިއެވެ.

“ހުވަދޫ ނިއުސް” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހާލުދެރަވެގެން ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ގެނައި އަންހެންމީހާގެ ބަނޑަ 3 މަހެވެ.

ނަޑެއްލާގެ މުޖުތަމައު ތެރެއިން ކޮވިޑް ފެނި, ރަށުތެރެއަށް ބަލި ފެތުރިފައިވާތީ އެރަށުގައި 24 ގަޑިއިރަށް ކާފިއު ހިންގައި މުޅި ރަށް މިހާރުވަނީ ލޮކްޑައުން ކޮށްފައެވެ. އަދި އެރަށުގެ ޖުމްލައް ފައްސިވި އަދަދު ވަނީ 20 އަށް އަރާފައެވެ.

Comment